މުޙައްމަދު ޔާސިރު މޫސާ   30 އޭޕްރީލު 2023 - 2:59
އިނގިރޭސި ޕްރިމިއަރ ލީގގުގައި ވުލްވްސްގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ބްރައިޓައިންއިން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި ބްރައިޓަންއަށް ލީޑު ނަގައިދިނީ ޑެނީޒް އުންޑާވްއެވެ. ބްރައިޓަންގެ ހަލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ޑެނީޒްގެ އިތުރުން ބްރައިޓަންގެ ލަނޑުތައް ޖެހީ ޕަސްކަލް ގްރޯ އާއި ޑެނީ ވެލްބެކެވެ. ތިން ކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއަކުވެސް މި މެޗުގައި ދެލަނޑު ޖެހިއެވެ. ބްރައިޓަންގެ ގޯލާއި އަމާޒުކޮށް ވުލްވްސްއަށް މުޅި މެޗުގައިވެސް ފޮނުވާލެވުނީ ދެހަމަލާއެވެ.

މި މޮޅާއެކު ބްރައިޓަން ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން ބްރައިޓަންއަށް ލިބެނީ 52 ޕޮއިންޓެވެ. ހަތްވަނާގައި ލިވަޕޫލް އޮތީ އެއް މެޗު އިތުރަށް ކުޅެގެން ލިބުނު 53 ޕޮއިންޓާއެކުއެވެ. މި ސީޒަންގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ބްރައިޓަންއަށް އެބައޮތެވެ. މެޗުން ބަލިވި ވުލްސް އޮތީ 37 ޕޮއިނޓާއެކު 13 ވަނާގައެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސްއާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު 4-3ން ކާމިޔާބުކުރީ ކްރިސްޓަލް ޕެލެސްއެވެ. ނޮޓިންހަމް ފޮރެސްޓުގެ މައްޗަށް ބްރެންޓްފޯޑުން ކުރިހޯދީ 2-1ންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން