ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު އެތުލެޓިކޯ މެޑްރިޑުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އެތުލެޓިކޯއިން ދެވަނައަށް ޖެހިލީ ބުދަ ދުވަހުގެރޭ ކާޑިޒްއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗަށް ނުކުތްއިރު އެތުލެޓިކޯ ތިންވަނާގައި އޮތީ 66 ޕޮއިންޓު ހޯދައިގެންނެވެ. ނަމަވެސް މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު ވަނީ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު ދެވަނައަށް އަރާފައެވެ. ތާވަލުގެ ދެވަނާގައި އެތުލެޓިކޯ އޮތީ 33 މެޗުން 69 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނާގައި އޮތް ރެއާލްއަށް އެއަދަދަށް މެޗު ކުޅެގެން ލިބެނީ 68 ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ 82 ޕޮއިންޓު ހޯދައިގެންނެވެ.

ކަޑިޒް އާއި ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 5-1ންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައިވެސް ގްރީޒްމަން އިތުރު ލަނޑެއް ޖެހިއެވެ.

އެތުލެޓިކޯގެ އަނެއް ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ލަނޑުތައް ޖެހީ އަލްވާރޯ މޮރާޓާ, ޔަނިކް ކަރަސްކޯ އަދި ނަހުއެލް މޮލީނާއެވެ. ޔަނިކްގެ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ކާޑިޒްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ ލޮޒާނޯއެވެ. މެޗުން ބަލިވި ކާޑިޒް 35 ޕޮއިންޓާއެކު އޮތީ 15 ވަނާގައެވެ.

ލަލީގާގައި ބުދަ ދުވަހުގެރޭ ގެޓާފޭ އާއި ސެލްޓަ ވީގޯވެސް ބައްދަލުކުރިއެވެ. މި މެޗު 1-0ން ކާމިޔާބުކުރީ ގެޓާފޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން