އެމްޑީޕީގެ ހަލާކުކޮށްލި މީހާގެ ލަގަބު ބޭނުންފުޅު ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް މިހެން ވިދާޅުވީ ރައީސް ނަޝީދާއެކު ބޭއްވި ކޯލިޝަން މަޝްވަރާތަކުގެ ސަބަބުން އެމަނިކުފާނަކީ އެމްޑީޕީ ބައިބައިކޮށް ރޫޅާލާން އުޅޭ މީހެއްކަމަށް މިއަދު ބުނަމުންދާތީ އެކަމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ރައީސް ނަޝީދާއެކު އެމަނިކުފާނު ހުންނެވުމުން ރައީސް ނަޝީދުގެ ފަޅި މޮޅުވާނެކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގަބޫލުކުރާނެކަމަށް ބަޔަކު ހީކުރާކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ ކާކުކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، ވެރިކަން ނޫންކަމެއް އެމަނިކުފާނު ބޭނުންފުޅު ނުވާނެކަމަޒެވެ.

"އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އޮތް ހަމަނުޖެހުން އިތުރަށް ބޮޑުވެ، އެމްޑީޕީ ހަލާކު ކޮށްލާ މީހާގެ ލަގަބު އަޅުގަނޑަށް ލިބެން މި އަންނަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއަކީ އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއްކަމަށެވެ. އަދި އެ ޕާޓީ އުފައްދަން ރައީސް ނަޝީދު ކުރެއްވި މަސައްކަތެއް ނޯންނާނެކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވާ ސިޔާސީ މަސައްކަތަކީ ގާނޫނުން ލިބިފައިވާ ހައްގުގެ ތެރެއިން ސިޔާސީ ވާދަވެރިކަމުގައި ކުރައްވާ މަސައްކަތްކަމަށެވެ.

ގާސިމް ވިދާޅުވީ ސިޔާސި މަސައްކަތް ކުރެއްވި ނަމަވެސް އެމްޑީޕީ ރޫޅާލުމަށް އެމަނިކުފާނު މަސައްކަތް ނުކުރައްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން