ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވީޓަރގައި ހަސަން ކުރީސީގެ ނަމުގައި އެކައުންޓެއް ހަދައިގެން އުޅޭ ފަރާތްތަކުން ބުނާ ހުރިހާ ކަމެއް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓަކީ ރައީސް ނަޝީދާއި ގުޅުމެއް އޮތް ނުވަތަ އެމަނިކުފާނަށް ތާއިދުކުރާ ބަޔަކު ހިންގާ އެއްޗެއްކަމަށް އެހެން ބައެއް ފަރާތްތަކުންވެސް ތުހުމަތުކޮށްފައިވަނިކޮށެވެ.

ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް ވިދާޅުވީ ހަސަން ކުރުސީގެ އެކައުންޓް ހިންގަމުންދަނީ "މިއަދު ކުރުސީ ބުނާ އެއްޗެއް މާދަމާ ރައީސް ނަޝީދު ވިދާޅުވާ" ގޮތަށްކަމަށެވެ.

ކުރުސީއާ ނަޝީދާއި ގުޅުމެއް އޮތްކަން ހާމަވާ ކަން ދޭހަވާގޮތަށް އިޝާރާތްކުރައްވަމުން ގާސިމް ވިދާޅުވީ އެހެން ހުރިހާ ސިޔާސީ މީހުންނަށް އެއްޗެހި ގޮވިނަމަވެސް ކުރުސީގެ އެކައުންޓުން ދުވަހަކުވެސް ރައީސް ނަޝީދަށް އެއްޗެއް ގޮވާފައި ޓްވީޓް ނުކުރާކަމަށެވެ. އަދި ކުރުސީ ބުނާ ކަމެއްވިއްޔާ ރައީސް ނަޝީދު ދަނީ ކުރައްވަމުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެއީ ރައީސް ނަޝީދުކަމަކަށް ނުވެދާނެ. އެމަނިކުފާނު ދަންނަ ބަޔަކުކަމަށްވެސް ވެދާނެ. ޔަގީންކަމަކީ އެއީ ރައީސް ނަޝީދަށް އިންފުލުއެންސް އޮތް، އޭނާއަށް ވަރަށް ލޯބިކުރާ ބަޔަކު ހިންގާ އެއްޗެއްކަން. އެއީ އެއިން ބުނާކަމެއްވިއްޔާ ރައީސް ނަޝީދު އެބަ ކުރައްވާ. ރައީސް ނަޝީދު ނުރުހުން ވެގެން އެއްޗެއް ބުނަން ބޭނުންވާ މީހަކަށްވިއްޔާ އެއްޗެހި އެބަގޮވާ. އޭގައި ދެން އަޅުގަނޑަކީ ފަޅޮލެކޭ، އެއް ދުވަހު މިހެއް ހުއްޓޭ، އަނެއް ދުވަހު މިހެން ހުއްޓޭ، ކޮންމެ އެއްޗެކޭ ކިޔަސް އަޅުގަނޑު އުސޫލެއް ބަދަލެއް ނުކުރާނަން." ގާސިމް ވިދާޅުވިއެވެ.

ކުރުސީއަކީ ރައީސް ނަޝީދުކަމަށް ވިދާޅުވާއިރު، ރައީސް ނަޝީދު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެ ޓްވީޓަރ އެކައުންޓް ހިންގަނީ ކޮން ބަަޔަކުތޯ ބަލައި، މައްސަލަ ތަހުޤީޤުކޮށްދެއްވުމަށް ފުލުހުންނަށްވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ކުރުސީއަކީ ކާކުތޯ ހޯދުމަށް ފުލުހުން ތަހުޤީޤު ފެށިނަމަވެސް، އެކަމުގެ މާބޮޑު ތަފްސީލްތަކެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން