ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ނިމެންދެން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅަން އެމްޑީޕީން ނިންމާފައިވާތީ އެކަމަށް އިޝާރަތް ކުރަށްވައެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަލަށް އިންތިޚާބުވުމަށްފަހު މަޖިލިހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރެވެންދެން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އިންތިޚާބުވީ މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެމްބަރުކަމަށެވެ.

އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ޖެހިއްޖެނަމަވެސް ހިނގާނީ އެ އުސޫލުކަމަށް މޫސަ ވިދާޅުވިއެވެ.

"ރައީސާއި ނައިބު އިންތޚާބުކުރެވެންދެން އެ އުސޫލު ހިނގާނީ. ދެމީހުން ވަކިކުރާންޖެހިއްޖެ ނަމަވެސް އެ އުސޫލް." މޫސާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސާއި ނައބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އިތުރު އެހެން މަސައްކަތެއް ތަޅުމުގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަންޖެހޭނީ މަޖިލީހުގައި އެއްމެ ގިނަދުވަހު މެދުނުކެނޑި ހުރި މެމްބަރަކު ރިޔާސަތުގައި އިނދެގެންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ޅ ގައި އޮންނަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާއިރު ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަވައިގެން ނުވާނެކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު މަޖިލީހުގެ ރިޔާސަތު ނާއިބު ރައީސް ބަލަހައްޓަވައިގެން ނުވާނެކަމަށެވެ. އަދި އެ ބޭފުޅަކާއި ދެކޮޅަށް ނެގޭ ވޯޓެއްގައި ވޯޓެއްވެސް ނުލެވޭނެއެވެ.

ނަމަވެސް މަޖިލީހުގެ އެހެން މަސައްކަތްތައް ހުއްޓާލުމަށް ބަޔާންކޮށްފައެއް ނެތެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ އެއް ދަނޑިވަޅެއްގައި ހުށަހެޅުމުން ކަންތައްތައް ކުރާނެ އިތުރު ގޮތެއް މަޖިލީހުގެ ގަވައިދުގައިވެސް ގާނޫނު އަސާސީއަކުވެސް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން