ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާގައި އެމަނިކުފާނު ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެ ކަމަށް އެޕާޓީގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ދެކުނު ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް ހާއްސަކޮށްގެން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ ޓިކެޓް އަރުވާ ޖަލްސާގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެ ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައި ރާއްޖޭގެ ވެރިކަން ކުރަށްވާނީ ގާސިމް ކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ އެތައް ރައީސުން ރާއްޖޭގެ ކުރިން ވެރިކަން ކުރަށްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ވީކަމެއް ނެތް ކަމަށާއި ރައްޔިތުން މިއަދު ވެސް ތިބީ މާޔޫސް ވެފައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ރައްޔިތުން ބޭސް ފަރުވާ ހޯދަން ކޮންމެ ވަޒީރަކަށް ގުޅައިގެން ކޮބާ ލިބިދާނެތަ އެހީ މިހެން ކިޔަން މިޖެހެނީ، މިހާލަތު ބަދަލުކުރަންޖެހޭ. ގާސިމްގެ ވެރިކަމެއްގައި ރައްޔިތުން ބޭސް ސިޓީއަށް ސިޓީލާތަނުން ޖަވާބު ލިބޭނެ." އިލްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި އިލްހާމް ވަނީ ރާއްޖޭގެ ވެރިއެއްގެ ގޮތުގައި އޮނަރަބަލް ގާސިމް އިބްރާހިމް ޓެސްޓްކޮށްލަން ލިބޭ ފުރުސަތު ނަގާނުލެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ. އިލްހާމް ވިދާޅުވީ ގާސިމަކީ އަމިއްލަ ފައިދާއަށް މިހާތަނަށް އެއްވެސް ކަމެއް ކުރަށްވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ހިދުމަތް ގައުމަށް ނުލިބޭ އެއްވެސް ދާއިރާ އެއް ނެތް ކަމަށް އިލްހާމް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ގާސިމަކީ ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީ އެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް ހައްގު ބަސް ވިދާޅުވުމުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލާނީ މިއޮތީ ރިޔާސީ އިންތިޚާބުގެ އިމްތިހާނު ކުރިމަތިވެފައޭ، ގާސިމްގެ ތަފާތަކީ އެމަނިކުފާނު ރައްޔިތަކަށް އަނިޔާވެރިއެއް ނުވާނެ، މީހަކަށް ދެރަގޮތެއް ނަހައްދަވާނެ، އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކުރަށްވާފައެއް ނުވާނެ، އެއީ ކަނޑައެޅިގެން ދޮގު." ގާސިމާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އިލްހާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ޖޭޕީން މަޑުން ތިބެނީ ސަރުކާރާއި ރުހިގެން ނޫން ކަމަށެވެ. އެޕާޓީން މަޑުން ތިބެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޝަރަފް ވެރިކަމާއެކު ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަކުރަން ޖާގަ ދޭންވެގެން ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާހިނދު އެއީ ސަރުކާރުން ކުރި ކަމެއްގެ މެޑެލް ޖަހާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ކުރެވޭ ގޯސްކަމެއްގެ ޒިންމާ އަޅުވަނީ ކޯލިޝަން ލީޑަރުންގެ ބޮލުގައި ކަމަށް އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން