މަޝްވަރާކޮށްގެން ކޮމިޓީތައް އެކުލަވާލަން ގޮތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންނެވީ މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުވުމުގައި އެއްބަސްވުމަކަށް އަދިވެސް ނާދެވޭ ކަމަށެވެ.

އެހެންކަމުން އެކަމުގައި ޕާޓީތަކުން މަޝްވަރާކޮށް ގޮތެއް ނިންމުމަކީ ބޭނުން ތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޕާޓީތަކުން ބަދަލުވާ މެމްބަރުން އިތުރުވެގެން ދާތީ ކޮންމެ ފަހަރަކުވެސް ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކޮމިޓީތައް އެކުލަވާ ނުލެވިގެން އުޅެނީ ރައީސް ނަޝީދާ ހެދި ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ކުރަނީ މަޖިލީހުގެ ކޮމެޓީތަކުގައި ކަމަށެވެ. ކޮމެޓީތައް އެކުލަވާ ނުލެވޭތީ މަޖިލީހުގައި ކުރަންހުރި މުހިންމު މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި 13 ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރުންނަށް ބަދަލު ގެނެސްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި ބައެއް ކޮމިޓީތަކުގެ މުގައްރިރުންނާއި ކޮމިޓީ މެމްބަރުން ހިމެނެ އެވެ.

މަޖިލިހުގެ ގަވާއިދުގައި ބުނާގޮތުން ކޮމިޓީގައި ހިމެނޭ އެ ޕާޓީއެއްގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެމްބަރަކު ހަމަޖައްސައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެދެން ޖެހެނީ މަޖިލިހުގެ ރައީސްގެ އަރިހުގައެވެ. އެ ގޮތަށް ޕާލަމެންޓްރީ ގުރޫޕުން އެދުމުން އެ މެމްބަރެއްގެ އިއުތިރާޒެއް ނެތްކަން މަޖިލިހުގެ އިދާރާއިން ކަށަވަރު ކުރުމަށް ފަހު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ވެރިންނަށް މަޖިލިހުގެ ރައީސް އެކަން އަންގަވަން ޖެހޭކަމަށް ގަވާއިދުގައި ބުނެފައިވެއެވެެ.

މަޝްވަރާކޮށްގެން ކޮމިޓީތައް އެކުލަވާލަން ގޮތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިމިވަނީ އެމަނިކުފާނު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައި އިތުބާރުނެތް ކަމުގެ މައްސަލަ އެއް މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން