ރައްޔިތުން މަނިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންގަވައިގެނެއް ނޫން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މަޖިލީހުން ފެނިފައިވަނީ މަޖިލިސް ނުހިނގާ އޮތް މަންޒަރުކަމަށެވެ. އަދި މަޖިލީހަކީ ހިނގަންޖެހޭ ތަނެއްކަމަށާއި، މަޖިލީހަށް ހުށަހެޅިފައި ހުންނަ މަސައްކަތްތައް ނިމުމަކާއި ހަމައަށް ގެންދަންޖެހޭކަމަށެވެ.

އިކްރާމް ވިދާޅުވީ މަޖިލިސް ހިނގާނެ ގޮތަށް މަޖިލިސް ކުރިއަށް ގެންދެވެންޖެހޭނެކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ހިނގާނެ މާހައުލު ޔަގީންކުރަން އެމްޑީޕީގެ މެމްބަރުން ބޭނުންވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ރައީސް ސާލިހު އަންގަވައިގެން ނޫންކަމަށާއި، އެއީ މެމްބަރުންނަށް މަސައްކަތް ކުރާނެ މާހައުލެއް ނެތުމުން ޕީޖީ ގްރޫޕުން ނިންމި ނިންމުމެއްކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރިޔާސަތުގެ އިތުބާރު ނެތްކަމަށް ނިންމީ ކަންބޮޑުވުންތަކެއް ހުރީމަ. އެއްގޮތަކަށްވެސް ރައީސް ސާލިހު އަންގަވައިގެނެއް ނޫން. އަޅުގަނޑުމެންނަށް މިތާނގައި މަސައްކަތްކުރަން ހަމަ އުނދަގޫވީ. އެ ސަބަބަށްޓަކައި. އެއްވެސް ހާލެއްގައި އެއީ ރައީސް ސާލިހު އަންގަވައިގެން ނިންމި ކަމެއް ނޫން." އިކްރާމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެ މައްސަލައިގައި 50 އަށްވުރެ ގިނަ މެމްބަރުން ވަނީ ސޮއިކޮށްފައެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން