ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުންނެވެ. މައްސަލަ މަޖިލީހަށް ވައްދަން 54 މެމްބަރުން ސޮއިކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމީ އިއްޔެއެވެ. މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވާތީއާއި މަޖިލީހުގެ ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާތީއެވެ.

ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން