ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކަކުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ހުސައިން ޝަހީމަށް ބިރުދައްކާ އިންޒާރު ދިންކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މަޖިލީހުގެ ޖަލްސާ އަޑުއަހަން މަޖިލީހުގެ މާލަމަށް ވަނތް ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންތަކެއް އޭނާއަށް އިންޒާރު ދީ ބިރުދައްކާފައި ވާކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ އޭނާއަށް އިންޒާރުދިނީ މަޖިލީސް އަޑުއަހަން މިއަދު މަޖިލީހުގެ ގެލެރީއަށް ވަތް 4 ވަރަކަށް މީހުންކަމަށެވެ. އަދި އެމީހުން އެކަން ކުރީ ސައިގަޑީގައި އޭނާ ސައިކޮޓަރިއަށް ދިޔަ ވަގުތުކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން ވިދާޅުވީ މަޖިލީހުގެ ސިޑިމަތިން އިންޒާރުދީ، ބިރު ދެއްކި މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ ރައީސަށް ހުށަހެޅުމުން އެމަނިކުފާނުވެސް ވަނީ އޭނާއަށް އިންޒާރުދެއްވާފައިކަމަށް ހުސައިން ވިދާޅުވިއެވެ.

"އިންޒާރުދީ ވަރަށް ހަޑިހުތުރު އެއްޗެހި ގޮވާފައި، އެ ވާހަކަ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ސައިކޮޓަރީގައި އިންނަވަނިކޮށް ދެންނެވިން. އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމަ ވިދާޅުވީ، އަދި ކަލޭ ކަންފަތް މަތީގައިވެސް އެމީހުން ލައްވާ ޖައްސުވާނަމޭ، ހޭއަރުވާލާނަމޭ،" ހުސައިން ޝަހީމް ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މީގެކުރިންވެސް އޭނާއަށް ބަޔަކު އިންޒާރުދިން މައްސަލަތަކެއް މަޖިލީހަށް ހުށަހެޅިކަމަށާއި އަދި މަޖިލީހުގެ ސެކިއުރިޓީއަށް ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް ރިޔާސަތުން އެ އިންތިޒާމް ހަމަޖައްސައި ދީފައިނުވާކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވަނީ މިއަދު މަޖިލިސް އަޑުއަހަން ގެލަރީއަށް ދިޔަ މީހުންނަކީ ބަޔަކު ފޮނުވައިގެން އިންޒާރުދީ، ބިރުދައްކައި، ފުރައްސާރަ ކުރަން އެތަނަށް ދިޔަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަޖިލީހުގައި މި ދުވަސްވަރު އުފެއްދުންތެރި މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފެންނަނީ ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި މުޅި ޖަލްސާ ކުރިއަށްދާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން