17 ގައުމެއްގެ އިންވެސްޓަރުންނަށް ބައިވެރިވާ، އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓަރސް ކޮންފަރެންސް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023) ގައި 120 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ.

ޖުމްލަ 141 އިންވެސްޓަރުންވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓަރވެފައެވެ. އޭގެތެރެއިން 67 އިންވެސްޓަރުން ކޮންފަރެންސްގައި ބައިވެރިވަނީ ވާރޗުއަލްކޮށެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވައިފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމާއި އަދި ޖުމްލަކޮށް ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިނުމެވެ. އަދި އޭގެއިތުރުން ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށްވުމަށް ގެންގުޅޭ ތަސައްވަރާއި، ޖުމުލަކޮށް ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ކުރުމަށްރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މި ކޮންފަރެންސްގައި އިންވެސްޓަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 17 ގައުމަކުން އިންވެސްޓަރުން ބައިވެރިވި މި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އަދި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ކީނޯޓް ސްޕީކަރުންގެ ގޮތުގައި ތަޤްރީރުކުރެއްވިއެވެ. އަދި ވާރލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ ޗީޔޯ ކަންޑާވެސް ކީނޯޓް ސްޕީކާރގެ ގޮތުގައި ވާހަކަދެއްކެވިއެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި ރާއްޖޭގައިވެސް ފުޅާދާއިރާގައި ފްލޯޓިންގ ސޯލަރ ނިޒާމުތައް ޤާއިމުކޮށްފައިވާ ސްވިމްސޯލް އަދި ނޯވޭގެ އޯޝަން ސަން ކުންފުނީން އެ ކުންފުނިތަކުގެ ތަޖްރިބާ އިންވެސްޓަރުންނާއި ހިއްސާކޮށްފައިވެއެވެ.

ޖޫން 7އިން 8 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫޢުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އަދި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދޭނެއެވެ. އަދި މި މަޝްރޫޢުތަކާއި ގުޅޭ ގޮތުން އިންވެސްޓަރުން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކުގެ ޖަވާބުވެސް މި ސެޝަންތަކުން ލިބިގެންދާނެއެވެ. އޭގެ އިތުރުން ވާރލްޑް ބޭންކުން ހަކަތައިގެ ދާއިރާއަށް ހިންގާ މަޝްރޫޢުތަކާއި އަދި އެ މަޝްރޫޢުތަކުގެ ރިސްކް މިޓިގޭޝަން ފްރޭމްވާރކްގެ މައުލޫމާތު ސެޝަނެއް އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރލްޑް ބޭންކްގެ އެސްޕަޔަރ އަދި އެއިސް މަޝްރޫއަށް ކަނޑައަޅާފައިވާ ރިސްކް ކަވަރޭޖް އަދި ގެރެންޓީ މެކޭނިޒަމް ގެ މައުލޫމާތުވެސް މި ކޮންފަރެންސްގެ އަލީގައި އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.

މީގެކުރިންވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވަނީ ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފަރެންސްތަކެއް ބާއްވައިފައެވެ. މި އަހަރު ބާއްވާ އިންވެސްޓަރ ކޮންފަރެންސަކީ މިފަދަ 3 ވަނަ ކޮންފަރެންސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން