ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ މެމްބަރުންނަށް އެންމެ ފަރުދަކަށްވުރެ ޕާޓީ މުހިއްމުކަމުގެ ފަލްސަފާ ޕާޓީ ތެރޭގައި އަށަގަނެވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި އެ ޕާޓީގެ މެމްބަރުންނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ފައްޔާޒް ވިދާޅުވީ އެތައް އަހަރަކުން ނުވެ ދިގުލީ ކިތަންމެ ތަކުލީފެއްގެ ހައްލުު، 2018ގައި އެމްޑީޕީ އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފިކަމަށެވެ.

އަސާސީ ޚިދުމަތްތަކާއި އިގްތިޞޯދީ ފުރުޞަތު ހުޅުވިގެންދާ ކިތަންމެ މަޝްރޫޢެއް މި 5 އަހަރު ގެނެވިއްޖެކަމަށާއި އަދި ސިއްޙަތާ ތަޢުލީމާ ބޯހިޔާވަހިކަމަކީ އަބަދުވެސް އަމުނާ ލެވުނު ބަސްތަކެއްނަމަވެސް އެމްޑީޕީ މެމްބަރުން އުފެއްދި ވެރިކަމުން، އޭގެ ހަގީގަތް ދަނީ ލޯތަކަށް ދައްކަމުންކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިއަދުގެ ކާމިޔާބީ އަށް އެމްޑީޕީ ވާޞިލުވެފައި މިވަނީ ފަސޭހަ ދަތުރަކުން ނޫންކަމަށާއި އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކްލީފުތަކަކީ، ސިޔާސީ ޕާޓީއަކުން ތަހަންމަލު ކުރާނެ އެންމެ އުނދަގޫ މަރުޙަލާކަމަށެވެ. ނަމަވެސް މައްސަލަތައް ދިމާވިޔަސް އެމްޑީޕީގެ މެމްބަރުން ސާބިތުކޮށްދިނީ، ފަރުދަކަށްވުރެ ޕާޓީ މުހިއްމުކަންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ކެތްތެރިކަމާއެކު ޕާޓީގެ މަސްލަޙަތު ހިފެއްޓީ އެމްޑީޕީގެ އަސާސް ކަމުގައިވާ ޑިމޮކްރަސީގެ ހަމަތަށް އެންމެ ކުރިއަށް ނެރެގެން. ހިތި ހަގީގަތް ތަކާ އެކު، ހިތުގެ އެއްފަޅީގައި އެހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރިކުރުން، އެއީވެސް ލިބުނު ފުން ތަޖްރިބާއެއް. މިތަޖްރިބާ އިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތްތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ ،އެމްޑީޕީ އަދި މިގައުމު މިޕާޓީގެ މެމްބަރުންނަށް މާބޮޑު. އެފަލްސަފާ އެމްޑީޕީ ގައި އަށަގަތުމަކީ މިޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއަދު އެމްޑީޕީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ދެކޮޅު ހޯދާ ބަލާލުމަށް އެމްޑީޕީއަށް ފުރުޞަތު ލިބިފައި މިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއަދު އެމްޑީޕީ މެމްބަރުން ކުރަން އޮތް ކަމަކީ އެކީ އެކަށް އެއްބާރުލާ ނުކުމު، ޕާޓީގެ ރިޔާަސީ ދެވަނަ ދައުރު ކާމިޔާބް ކުރުންކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން