ޕީޕީއެމް/ ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް
ޕީޕީއެމް/ ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް
ލާދީނީ ލާޤައުމީ ފިކުރެއްކަމަށް ޕީޕީއެމުން ކުރިން ވަކާލާތުކުރަމުންދިޔަ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއެކު މިހާރު ޕީޕީއެމުން މަސައްކަތް ފެށީ އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއެކު ޕީޕީއެމުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކުގެ މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ޝިޔާމަކީ މިމަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަ އިސް ބޭފުޅެކެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމަށްފަހު ޕީޕީއެމުން ވަނީ އެޕާޓީއާއި ދަ ޑިމޮކްރެޓްސް އެކުގައި ބާއްވާ ސިޔާސީ ފުރަތަމަ ޙަރަކާތް އަންނަމަހު 3ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މި ޙަރަކާތަކީ ކަންމަތީ ބޮޑު ބައްދަލުވުންކަމަށާ، އެއީ ސަރުކާރު ބަދަލުކުރަން ކުރިޔަށް ގެންދާ ކަންކަމުގެ ތެރެއިން ކަމެއްކަމަށް ޕީޕީއެމުން ބުނެއެވެ. މިބައްދަލުވުން އޮންނާނީ ކޮން ތަނެއްގައިކަމެެއް އަދި ޕީޕީއެމްއަކުންވެސް ދަ ޑިމޮކްރެޓްސްއަކުންވެސް ހާމައެއް ނުކުރެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމާއެކު ޑިމޮކްރެޓެސްއަށް މަސައްކަތް ނުކުރެވެވެން ވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އެމްޑީޕީން އެންމެބޮޑަށް އެބޭފުޅަކާ ދެކޮޅަށް މަސައްކަތްކުރި ރައީސް މައުމޫނާއެކުވެސް އެމްޑީޕީންވަނީ ފަުން މަސައްކަތް ކޮށްފައިކަމަށެވެ. އެއީ ޙާލަތާއެކު ކުރަން ޖެހޭކަމެއްކަމަށާ، މިއަދު މިއޮތީ ރައީސް ނަޝީދުގެ ފިކުރުގެ މީހުން ޕީޕީއެމާއެކު މަސައްކަތްކުރަންޖެހޭ ޙާލަތެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން