ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ބިންވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 5000 ގޯތި, 10314 މީހަކަށް ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާންކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ސަރުކާރުން ދޫކުރާ 5000 ގޯތި އެއަށްވުރެ ގިނަ މީހުންނަށް ލިބެނީ އެއް ފޯމު އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށައަޅާފައިވާތީއެވެ.

ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ކަނޑައެޅި ޚާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ބުނީ ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމް ހުށަހަޅާފައިވާކަމަށެވެ. އެ ފޯމްތަކަކީ އެކަކަށް ވުރެ ގިނަ މީހުންވެސް ހިމެނޭ ގޮތަށް ހުށަހަޅާފައިވާ ފޯމްތަކެވެ. އޭގެތެރޭގައި 9 މީހުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމް ވެސް ހިމެނެއެވެ.

ކޮމިޓީން ބުނީ 19858 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަަމަށެވެ. އަދި 10314 މީހަކަށް ގޯތި ލިބޭނެކަމަށްވެސް އެ ކޮމިޓީން ބުންޏެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓް މިއަދު ގެޒެޓްކުރެވޭނެކަމަށްވެސް އެ ކޮމިޓީން ބުނެއެވެ. ލިސްޓް ގެޒެޓްކުރުމަށްފަހު 15 ޖުލައިއާ ހަމައަށް ޝަކުވާ ހުށަހެޅުމަށްފަހު، އޭގެފަހުން ދާއިމީ ލިސްޓް އިއުލާންކުރެވޭނެކަމަށް ސަރުކާރުން ބުނެއެެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާއިރު، ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓުކަމަށާއި، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ޝަރުތު ހަމަވި 19858 މީހުންގެ 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް އެ ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ދޫކުރައްވާ ގޯތިތައް ލިބޭނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓް މިއަދު އިއުލާންކުރިނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އިއުލާނެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން