ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ކަނޑައެޅިގެންދިޔުމުން، މާލޭގެ ރައްޔިތުންނަށް މިއަދަކީ އުފާވެރިކަމެއްގެ ފެށުންކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާންކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަަލަތަކަށް ޖުމްލަ ހައްލުތަކެއް ގެނައުންކަމަށެވެ. އަދި އެގޮތުގެ މަތިން މަސައްކަތްކުރަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަަ ހައްލުކުރަން ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކަށް ރައްޔިތުންގެ ބޮޑު ޝައުޤުވެރިކަމެއް ލިބުނުކަމަށެވެ. އަދި އެ ސްކީމްތަކުގެ ތެރެއިން ގޯއްޗަށް އެދުނު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރުން ނިންމަވާފައިވަނީ މި ޕްރޮގްރާމަށް ކޮލިފައިވެފައި ހުރި ހުރިހާ ފަރާތަކަށް ގޯތި ދިނުމަށް ސިޔާސަތެއްގެ ގޮތުގައި ނިންމަވައިގެން ކުރިއަށްދާނީއޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައެޅިގެން ދިއުމަކީ މާލޭގެ ގިނަ ރައްޔިތުންްތަކަކަށް އުފާވެރި ދުވަހެއްގެ ފެށުންކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރަން ކުރާ މަސައްކަތްތަކާއެކު މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރާ މަސައްކަތްތަކާއެކު، މުޅި ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްޤީކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން