ސަރުކާރަށް ގޯތި ނުދެވޭނެކަމަށް ބުނި މީހުންނަށް މިއަދު ފިލާވަޅެއް ލިބޭނެކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ސަރުކާރުން އެކަން ނުވާނެކަމަށް ބުނަމުންދަނިކޮށް ގޯތި ލިބޭނެ ފަރާތްތަކުގެ ލިސްޓް ސަރުކާރުން މިއަދު ނެރުމާއި ގުޅިގެންނެވެ.

އަލީ ޒާހިރު ވިދާޅުވީ މާލޭ ރައްޔިތުންގެ ތެރެއިން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ ފަރާތްތައް ހިމެނޭހެން 10000 އަށްވުރެ ގިނަ މީހުންނަށް މިއަދު ބިމުގެ ޔަގީންކަން ލިބިގެން ގޮސްފައިވާކަމަަށެވެ.

އަލީ ޒާހިރު ވިދާޅުވީ ގޯތި ބޭނުންވާ މީހުންނަށް ގޯތި ލިބިގެންދިއުމަކީ މި ސަރުކާރުން ރައްޔިތުންގެ އަޑު އަހާކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. އަދި ގޯތި ދިނުމަކީ ހަގީގަތެއް ނޫންކަމަށް ބުނަމުންދިޔަ ފަރާތްތަކަށް މިއީ ފިލާވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ކަނޑައެޅި ޚާއްސަ ކޮމިޓީއަކުންނެވެ. ކޮމިޓީން ބުނީ 19858 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަަމަށެވެ. އަދި 10314 މީހަކަށް ގޯތި ލިބޭނެކަމަށްވެސް އެ ކޮމިޓީން ބުންޏެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓް މިއަދު ވަނީ ގެޒެޓްކޮށްފައެވެ. ލިސްޓް ގެޒެޓްކުރުމަށްފަހު 15 ޖުލައިއާ ހަމައަށް ޝަކުވާ ހުށަހެޅުމަށްފަހު، އޭގެފަހުން ދާއިމީ ލިސްޓް އިއުލާންކުރެވޭނެކަމަށް ސަރުކާރުން ބުނެއެެވެ.

ޝަރުތު ހަމަވި 19858 މީހުންގެ ތެރެއިން 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން