މިދިޔަ މެއި މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ މައްސަލަތައްކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ޖުމުލަ 306 މައްސަލައަށް އެޓެންޑްކޮށްފައިވެއެވެ. އެމިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ ޖުމްލަ 132 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 22 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 22 މައްސަލަ، އިހުމާލުވުމުގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 9 މައްސަލަ އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 4 މައްސަލަ، ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ ހުށަހަޅާފައިވެއެވެ.

އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ އެއް މޭއި މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. މިފަދަ 22 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ 1 މައްސަލަ ހުށަހަޅާފައިވެއެވެ.

ޢާއިލީ މައްސަލަތަކަށް ބަލާއިރު، ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މެއި މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލަ، ހަޟާނާތުގެ 11 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލަ ވަނީ ހުށަހެޅިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލައަށް ބަލާއިރު އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 31 މައްސަލަ މެއިމަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކަށް ބަލާއިރު، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 4 މައްސަލަ މެއި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 4 މައްސަލައެވެ.

އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލަ މެއި މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑު ކޮށްފައެވެ. އަޚުލާޤީ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 28 މައްސަލައެއް މެއި މަހު ވަނީ ހުށަހެޅިފައެވެ. އެގޮތުން ރުޅިއިސްކުރުން ނުވަތަ ރުޅިގަދަވެ އުޅުމުގެ 7 މައްސަލަ ، ގެއިން ނިކުމެގެން ދިއުމުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ސުލޫކީ މައްސަލައިގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 3 މައްސަލަ އަދި ރުޅިވެރި، ގަވާއިދާއި ޚިލާފު، ނުވަތަ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވާ ޢަމަލު ހިންގުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް މޭއި މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާއިބެހޭ 2 މައްސަލަތައް ވަނީ ހުށަހެޅިފައެވެ.

މޭއި މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 182 އެވެ. މޭއި މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 2 ކުއްޖަކު ފޮސްޓަރ ކޮށް، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

މިމައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި އެހެނިހެން 6 މައްސަލައެއް ވަނީ މިނިސްޓްރީ އަށް ހުށަހެޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން