ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫ ގެ ކަނބަލުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ ޘަޤާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ފަރިއްކޮޅުގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫގެ ކަނބަލުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ ވޮލީ ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ވޮލީ ކޯޓްއެޅުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ތޮއްޑޫއިން ފުރާ ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން