ސަރުކާރުން ގެޒެޓްކޮށްފައިވާ މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން މިހާރު ފާހަގަވާ މައްސަލަތައް ދާއިމީ ލިސްޓް ނެރޭއިރު ހުންނާނީ އިސްލާހުކޮށްފައިކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓުގައި ދިވެހި ރަށްވެހިކަން ހޯދާފައިވާ އިންޑިއާގެ ރައްޔިތެއްގެ ނަން އޮތުމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މި މައްސަލައިގައި މީހުންގެ ފާޑު ކިޔުން އަމާޒުވުމުން އަސްލަމް ވިދާޅުވީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ލިސްޓް އިސްލާހުކުރާނެކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާރު ނެރެފައިވާ ވަގުތީ ލިސްޓުގެ ބޭނުމަކީވެސް ޝަކުވާ ހުށަހެޅުން ކަމަށާއި ދާއިމީ ލިސްޓް އަންނައިރު އެ ކަންކަން އިސްލާހުވާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން