ހުޅުމާލެ ލިންކް ރޯޑްގައި ގާއިމްކުރާ އަވިން ހަކަތަ އުފައްދާ ނިޒާމުން އޮގަސްޓްމަހު ކަރަންޓް އުފައްދަން ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްރީން ބުނެފިއެވެ.

މި މަޝްރޫއުގެ ހިންގުމަށް ތައިލެންޑުގެ އެންސިސް ކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. އަދި ހުޅުމާލެ ލިންކް ރޯޑާއި ހުޅުމާލޭގައި ތަރައްޤީކުރާ އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

ހުޅުމާލެ ލިންކް ރޯޑްގައި ގާއިމްކުރާ 5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމު ގާއިމްކުރާނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުންނެވެ.

5 މެގަވޮޓް ސޯލަރ ޕީވީގެ ތެރޭގައި ހިމެނޭ ހުޅުމާލޭ 1000 ޔުނިޓްގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރުވަނީ ސޯލަރ ޕެނަލް ހަރުކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބިލްޑިންގް އެތެރޭގެ އިލެކްޓްރިކަލް މަސައްކަތްތަކެއްކަމަށް މިނިސްްޓްރީން ބުނެއެވެ.

5 މެގަވޮޓް ސޯލަރ ޕީވީގެ ބޮޑު ބައެއް ހިމެނެނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑްގައެވެ. މި ވަގުތު ކުރިއަށްދާ މަސައްކަތްތަކަކީ ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ނިންމާލެވޭނެކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އޮގަސްޓްމަހު އެ ސިސްޓަމުން ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށެވެ.

މި މަޝްރޫޢަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތަށް ފައިނޭސްކުރަނީ މި މަޝްރޫޢުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިންނެވެ. އަދި ކޮންޓެރެކްޓްގެ މުއްދަތުގައި މެއިންޓަނަނސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިންކަމަށް ސަރުކާރުން ބުނެއެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާއާއި ދެމެދުގެ އަދަދެއް އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމްކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. އެންސިސް ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެއްކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން