މި ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދީފައިވަނީ އިންސާފުންކަމަށާއި، އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއްކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިއަދު ވިދާޅުވީ 10000 އަށްވުރެ ގިނަމީހުންނަށް ގޯތި ދޫކޮށް ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިންދުވަހު ތެރޭގައި ޝަކުވާގެގޮތުގައި ނޫނީ ކަންބޮޑުވުންތަކެއްގެ ގޮތުގައި މިފެނުނީ 20 ވަރަކަށް މައްސަލަކަމަށެވެ. އަދި ވަގުތީ ލިސްޓަކީ ގޯހެއް އޮތްނަމަ ޝަކުވާ ހުށައަަޅާ އެކަމެެއް އިސްލާހުކުރަންދޭ ފުރުސަތެއްކަމުން، މިވަރުގެ ބޮޑު ލިސްޓަކުން މިހާމަދު ކަންކަން ފާހަގަކުރެވޭކަމީ ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމުގެ ހެއްކެއްކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ވަކި ޕާޓީއެއް ވަކި އާއިލާއެއް ތަފާތުނުކޮށް ޝަރުތުހަމަވި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއްކަމަށެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންނާއި ޝަރުތު ހަމަވާ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އާއްމުކުރީ މިދިޔަ ހޯމަދުވަހުއެވެ.



ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން