ހަބަރުތަކުގެ ތެދުދޮގު ނުބަލާ، ޔޯލައަކުން ހޯދައިގެން ހަބަރު ފަތުރާ މީޑިއާތަކަކީ އެޑިޓަރުން ތިބެގެން ހިންގާ މީޑިއާތަކެއްތޯ ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ސުވާލު އުފައްދައިފިއެވެ.

މިނިސްޓަރ މައުސޫމް ބައެއް މީޑިއާތަކުގެ މަސައްކަތްތަކާމެދު ސުވާލު އުފެއްދީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ގެއްލުންވާފަދަ ނުރައްކާތެރި ހަބަރުތައް ތެދުދޮގު ނުބަލާ ބައެއް ފަރާތްތަކުން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތްކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުކަމަށް ބުނެ ބައެއް ފަރާތްތަކުން މިއަދު ވަނީ ހަބަރުތައް ފަތުރާފައެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޓޫރިޒަމް މިނިސްޓަރ ވަނީ މަސްދަރުން ޚަބަރު ކަށަވަރުނުކޮށް، ތެދުދޮގު ނުބަލާ، ރާއްޖޭގެ އިގުތިސޯދާއި އަމަން އަމާންކަމަށް ބުރޫއަރާފަދަ ޚަބަރުތައް ޔޯލައަކުން ހޯދައިގެން، އެފަދަ ޚަބަރު ފަތުރާ ނޫސްތަކުގައި އެޑިޓަރުން ތިބޭތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.



ޓޫރިޒަމް މިނިސްޓަރގެ ޓްވީޓްގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ލިބެނީ ބޮޑު ޒިންމާއަކާއެކުކަންވެސް ފާހަގަކުރައްވާފައެވެ.



ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތްކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުކަމަށް ބުނާ ވާހަކަތައް ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރުވެސް ވަނީ ދޮގުކުރައްވާފައެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ އިނގިރޭސި ސަރުކާރުން އެ ޤައުމުގެ ރައްޔިތުން ކަންކަމަށް ސަމާލުވުމަށް އަންގާ ޓެރަރިޒަމްގެ ޓެރަވަލް އެޑްވައިޒަރީ ނެރުނީ ވަކި ޤައުމަކަށް އަމާޒުކޮށް ނޫންކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ހިސާބެއް ހިމެނޭގޮތަށް ނެރެފައިވާ އެޑްވައިޒަރީއެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން