ވޯޓަރސް ލިސްޓް ގަޑުބަޑުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމާ ގުޅިގެނެވެ.

ރުކުމާ ވިދާޅުވީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޙާބަށް އާންމުކުރި ވޯޓަރސް ލިސްޓްގައި ނަން ނެތް މީހުން 2023ގެ ރިޔާސީ އިންތިޙާބަށް އާންމުކުރި ވޯޓަރސް ލިސްޓްގައި އެބައޮތްކަމަށެވެ. އެގޮތުން 500 އެއްހާ މީހުންގެ ނަން އެ ލިސްޓުގައި އޮތްއިރު އިތުރުވީ މީހުންގެތެރޭގައި ގިނައީ މަރުވެފައި ތިބި މީހުންކަމަށާއި، އެ ލިސްޓުގައި ރަށްވެހިކަން ބަދަލުކުރި މީހުންނާއި އަދި ދިރިތިބި މީހުން މަދުންނަމަވެސް ހިމެނޭކަމަށެވެ.



އެކަން ކުއްވެރިކުރައްވަމުން ރުކުމާ ސިފަ ކުރެއްވީ އެއީ ވޯޓަރސް ލިސްޓް ގަޑުބަޑު ކުރުމުގެ އަމަލެއްގެ ގޮތުގައެވެ.

ރުކުމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރުކުމާ ފާހަގަކުރެއްވިފަދަ ޒާތުގެ ކަމެއް ވޯޓުލާ މީހުންގެ ލިސްޓަށް ގެނައުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނޯންނާނެކަމަށެވެ.

ވޯޓުލާ މީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއް ނޫންކަމަށާއި އެއީ ގާނޫނުގައި އޮންނަގޮތަށް ހަދާފައިވާ ލިސްޓެއްކަމަށެވެ. އަދި ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާ އާ ގުޅިގެން އަންނަ ބަދަލުވެސް ގެޒެޓު ކުރަމުންދާކަން ހަބީބް ފާހަގަކުރެއްވިއެވެ.

"އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވެފައި އޮންނައިރު، ތިޔަހެން ވިދާޅުވާން ހެޔޮނުވާނެ." ހަބީބް ވިދާޅުވިއެވެ.



ހަބީބް ވިދާޅުވީ ވޯޓުލާ ދުވަހު މިހާރު ގެޒެޓުކޮށް ޢާންމުކޮށް ކެންޑިޑޭޓުން ސޮއިކޮށް ފައިނަލް ކުރެވޭ ލިސްޓު ނޫން ލިސްޓެއް ނޯންނާނެކަމަށެވެ. އަދި ވޯޓަރސް ލިސްޓް ގަޑުބަޑުކޮށް، ވޯޓް އޮޅުވާލުމުގެ ކަމެއް ހިނގުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ޔަޤީންކަމާއެކީގައި ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން