ވޯޓަރސް ލިސްޓަށް ޝަކުވާ ހުށެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު 551 ޝަކުވާއަށް ޖަވާބު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.



ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، ޖޫން 11 އިން ޖޫން 22 ގެ ނިޔަލަށް ވަނީ ޝަކުވާއަށް ހުޅުވާަލާފައެވެ.

ކޮމިޝަނުން ނެރެފައިވާ ލިސްޓުގައި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ލިބިފައިވެއެވެ.

އިލެކްޝަނުން ބުނީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓްގައި، ޖޫން 11 އިން ޖޫން 22 ގެ ނިޔަލަށް، ޝަކުވާ އަށް ހުޅުވާލުމުން އެ މުއްދަތުގެ ތެރޭގައި ލިބުނު 551 ޝަކުވާއަށް އިސީއިން މިހާރު ޖަވާބު ދީފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ.

ހަބީބު ވިދާޅުވީ ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެކަމަށެވެ. އަދި ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަނިކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

"އިންތިޚާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ ޕާޓީ ތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުންވެސް ކުރުން ވަރަށް މުހިންމުކަމެއް." ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށްކަމަށެެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށް. ޖުލައި 30 އިން އޮގަސްޓު 5 އަށްކަމަށާއި، ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮންނަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން