މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތައް ގެޒެޓުކުރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ ޖޫން 11 ވަނަ ދުވަހު ގެޒެޓްކުރި ރިޔާސީ އިންތިޚާބު 2023 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު އާއްމުކޮށްފައިވާ ލިސްޓެއްކަމަށެވެ.

މި ލިސްޓް ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ. މީގެއިތުރުން 1414 އަށްއެސް.އެމް.އެސް ކޮށްގެންވެސް ލިސްޓްގެ މައުލޫމާތު ޗެކްކުރެވޭނެކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަންސް އިން މިއަދު ގެޒެޓްކުރި ލިސްޓަކީ ފުރަތަމަ އާއްމުކުރި ލިސްޓަށް ހުށަހެޅުނު 551 ޝަކުވާއާ ގުޅިގެން 337 އިސްލާހެއް ގެނައުމަށްފަހު ގެޒެޓްކޮށްފައިވާ ލިސްޓެކެވެ. ލިސްޓަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ނަން ބަދަލުވެގެން 5 އިސްލާހެއް، އެޑްރެސް ބަދަލުވެގެން 64 އިސްލާހެއް، މަރުވެފައިވުމުން އުނިކުރި 267 ފަރާތެއް، އިތުރުކުރި 1 ފަރާތް ހިމެނެއެވެ.

ކޮމިޝަނުން އެންމެ ފުރަތަމަ ނެރުނު ލިސްޓުގައި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ދީފައިވެއެވެ. ނަމަވެސް މިހާރު ލިސްޓަށް ގެނެސްފައިވާ ބަދަލުތަކާއެކު ޖުމްލަ އަދަދު ވަނީ 282406 އަށް މަދުވެފައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 ޖުލައި 4 އިން 2023 ޖުލައި 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ހަބީބު ވަނީ ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފަވެ.

ހަބީބު ވިދާޅުވީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށްކަމަށެެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށްކަމަށެވެ. ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮންނަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން