ބްރިޖު ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވިއްސައިގެންދާތީ މާލޭ ސިޓީގެ މޭޔަރު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ‏ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައިކަމަށެވެ. އެގޮތުން މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައިކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.



ހުޅުމާލެ ލިންކް ރޯޑްގައި ސޯލާ ޕެނަލް ހަރުކުރަނީ އަވިން ހަކަތަ އުފައްދާ ނިޒާމެއްގެ މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫއުގެ ހިންގުމަށް ތައިލެންޑުގެ އެންސިސް ކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. އަދި ހުޅުމާލެ ލިންކް ރޯޑާއި ހުޅުމާލޭގައި ތަރައްޤީކުރާ އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

5 މެގަވޮޓް ސޯލަރ ޕީވީގެ ބޮޑު ބައެއް ހިމެނެނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑްގައެވެ. މި ވަގުތު ކުރިއަށްދާ މަސައްކަތްތަކަކީ ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން