ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އައު ލުއިފަސޭހަ ބަދަލުތަކެއް ސަރުކާރުން ގެނަސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް، އިމުގާއިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 22 ޖުލައި 2020ގައި ކަމަށާއި އޭގެ ފަހުން މިހާތަނަށް އޮންލައިންކޮށް 125600 އަށްވުރެ ގިނަ މީހުން ވަނީ ޕާސްޕޯޓު ހައްދާފައިކަމަށެވެ. އަދި މިއީ އަންދާޒާ ކުރި ވަރަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެއްކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ޚިދުމަތަށް އެދުމުގައި އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޚިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެ ޚިދުމަތަށް އިތުރު ފަސޭހަ ބަދަލުތަކެއް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ގެނައި މިބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އޮންލައިންކޮށް އެދޭއިރު ފޯމު ފުރައި ސޮއިކޮށް، އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމެއް ފުރިހަމަކުރާގޮތް ހެދުން ހިމެނެއެވެ. އަދި މިހާރު އަޕްލޯޑްުކުރަންޖެހޭނީ ހަމައެކަނި އެމީހެއްގެ ސޮއި ފެންނަ ފޮޓޯކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.



އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް ފޯމް ފުރިހަމަކުރުމަށް، ސޮއި ފެންނަ ފޮޓޯ އަޕްލޯޑްކުރުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނުޖެހޭނެކަމަށެވެ. އަދި ޕާސްޕޯޓް އާކުރާއިރު އައި.ޑީ ކާޑާއި ކުރީގެ ޕާސްޕޯޓުގެ ކޮޕީ ދެން ބޭނުމެއް ނުވާނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޕްރޮސެސް މުޅިން ޑިޖިޓަލައިޒް ކުރެވުމާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރެވިދާނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓްގެ ހިދުމަތަށް އެދުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެކަމަށާއި ޕާސްޕޯޓުގެ ޚިދުމަތަށް އެދޭއިރު، އިމުގާ ޕޯޓަލްއަށް ރަޖިސްޓަރކޮށް ވަކި އެކައުންޓެއް ހުޅުވަން ޖެހޭނެކަމެވެ. އަދި މިހާރުގެ ބަދަލާއެކު އީފާސް އެކައުންޓް މެދުވެރިކޮށްވެސް އިމުގާ ޕޯޓަލްއަށް ލޮގިން ވެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓް ހެއްދުމަށް ފަސޭހަ ގޮތްތަކެއް ހެދުމުގެ އިތުރުން ޕާސްޕޯޓުގެ ޚިދުމަތަކީ ޑިމާންޑު ބޮޑު ޚިދުމަތެއް ކަމުން، ހަމައެކަނި ރަސްމީ ގަޑީގައި މި ޚިދުމަތް ދިނުމުގެ ބަދަލުގައި ދެދަންފަޅިއަކަށް ބަހާލައި، ޝިފްޓް ޑިއުޓީއަށް ސްޓާފުން ނުކުމެ ޚިދުމަތް ދޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން ކުރީގައި ހެނދުނު 8:00 އިން މެންދުރު 14:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ދޫކުރި ނަންބަރު އިތުރު ގަޑިތަކުގައި ދޫކޮށް، ޚިދުމަތްދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި މިހާރު ރޭގަނޑު 9:00އާ ހަމައަށް އިމިގްރޭޝަނުން ހިދުމަތްދޭނެކަމަށްވެސް ބުނެފައޖ ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން