ވައްކަންކޮށްގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރަން، އޭނާ އަކީ "ޔާމީނެއް" ނޫން ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު މިހެން ވިދާޅުވީ އޭނާއާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓްކުރުމާ ގުޅިގެންނެެވެ. އެކަމާ ގުޅިގެން މޫކޭ މިއަދު ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުޢާމަލާތްތައް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން، ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." އާރުޑީސީ އާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރާ ހަބަރު ދޮގުކުރަށްވަމުން މޫކޭ ވިދާޅުވިއެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން، އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެފަދަ ބައެއް ތުހުމަތުތައް ސާބިތުވެ ހުކުމްތައް ވެސް ވަނީ އިއްވާފައެވެ. މިހާރު ވެސް ޔާމިން ގެންދަވަނީ އެފަދަ ހުކުމެއް ތަންފީޒު ކުރަށްވަމުންނެވެ.

އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ކުންފުނީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގެން ނެތް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އާރްޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން