ސިނަމާލެ ބްރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކެއް ވިއްސައިގެން ދިޔަ މައްސަލަ ތަހުގީގުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފައިވާކަމަށެވެ.

މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫންކަމަށާއި މި ކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށްވެސް މިނިސްްޓްރީން ބުނެއެވެ.

ވިއްސައިގެންދިޔަ ޕެނަލްތައް މޫދުން ނަގާފައިވާއިރު މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރ އަކަށް ގެއްލުމެއް ނުލިބޭކަމަށާއި ޑިޒައިންގެ މައްސަލައެއްވެސް ފާހަގަކުރެވިފައި ނުވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްްޓްރީން ބުނީ މިކަމުގެ ސަބަބުން ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ހިނގާފާނެ ކަމަކަށް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނެތްކަމަށެވެ.

މިކަމާއި ގުޅިގެން ކޮންޓެރެކްޓަރު މަސައްކަތްކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން މިނިސްޓްރީން އިންޓަރނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ބުނީ އިތުރަށް މަސައްކަތް ކުރިއަށްދާނީ މަސައްކަތްކުރުމުގައި އަޅަންޖެހޭ އެއްމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީން ކުރުމަށްފަހުކަމަށެވެ. އަދި ހަރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީންކުރާނެކަމަށާއި މިމަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

އަވިން ކަރަންޓް އުފައްދަން ހިންގާ ސޯލާ ޕްރޮޖެކްޓްގެ ދަށުން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތައިލެންޑުގެ ކުންފުންޏަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން