ޖައްވަށް ވިހަ ގޭސް ބޭރުކުރުން ހުއްޓުވުމަށް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަނޑައަޅުއްވާފައިވާ ނެޓްޒީރޯގެ އަމާޒަށް ވާސިލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭޝް ތައުރީފް ކުރައްވައިފިއެވެ.

ރާއްޖެއިން ނެޓް ޒީރޯގެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ އދގެ ސެކްރެޓަރީ ޖެނެރަލާ ހިއްސާ ކުރައްވާފައެވެ. ސައީދު މިމައުލޫމާތު ހިއްސާ ކުރެއްވީ މިދިޔަ މަހުގެ މެދުތެރޭގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި މިބައްދަލުވުމަކީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުގައި ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވަނީ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން 2030 ވަނަ އަހަރާއި ހަމައަށްދާއިރު ޖައްވަށް ކާބަން ބޭރު ކުރުން ހުއްޓާލުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ނެޓް ޒީރޯގެ އަމާޒަށް ވާސީލުވުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

ފެނަކައިން ބުނީ މި ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވިކަމަށެވެ. އަދި ފެނަކަ އާއި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ޝުކުރު އަދާކުރައްވާފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން