ސިޔާސީ ވިސްނުން ތަފާތުވެގެން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ވަޒީފާ އަނބުރާ ލިބޭނެ ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭންގެ ތެރެއިން ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ސިޔާސީ ވިސްނުން ތަފާތުވެގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާސިމްގެ ވެރިކަމެއްގައި ވަޒީފާ އަނބުރާ ލިބޭނެ ކަމަށާއި ގެއްލުމުގެ ބަދަލު ވެސް ލިބޭނެ ކަމަށެވެ. އަދި އިންސާފުން ބޭރުން މުވައްޒަފުން ވަޒީފާ އިން ވަކިކުރާ އިސްވެރިންނަށް ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް، ރަށް ރަށުގައި އެކިއެކި މީހުންނަށް މިސަރުކާރުން ވަޒީފާ ދެމުންދާ ކަމަށެެވެ. ސިޔާސީ ވަޒީފާ ދޭ ފަރާތްތައް ތިބެނީ ކަސްތޮޅެއްގައި ކަމަށާއި އެމީހުންނަށް ސިޔާސީ ގޮތުން އެ މީހުންގެ ފިކުރު ހާމަނުކުރެވޭ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ދައުލަތުގެ ދަރަނި 120 ބިލިއަނަށް އަރާފައިވާ ކަމަށާއި، އެދަރަނި އޮތީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައި ކަމަށެވެ. އަދި އެކަންކަމަށް ހައްލު ގެންނާނީ ގާސިމް ކަމަށާއި ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން މިކަން ހައްލު ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ސިޔާސީ ލީޑަރަކީ ގާސިމް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައްޔިތަކަށް ބޮޑުކަމެއް ދިމާވެ އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ހަދާނަށް އަންނަނީ ގާސިމް ކަމަށެވެ. ޒުވާނުންނަށް އެތައް އެހީތަކެއް ވެވަޑައިގެންފައިވާ ގާސިމަށް ރާއްޖޭގެ ދައުލަތް ނުވަތަ ރަސްމީ ނިޒާމެއްގެ ތެރެއިން އެކަން ކުރައްވަން ލިބިވަޑައިގަތީމަ މާ މޮޅަށް އެކަން ކުރެއްވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އާސަންދަ އިން ބޭސްފަރުވާ ކުރެވޭނެ ޚިދުމަތް ނެތްއިރު ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވީ ގާސިމްގެ އަމިއްލަ ޚަރަދުގައި ކަމަށެވެ. އަދި މިހާރު އޮތް އާސަންދަ ނިޒާމްގެ ހިދުމަތް ފުރިހަމަ ކުރެވޭނީ ހަމައެކަނި ގާސިމަށް ކަމަށް އަމީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދު ހޯއްދެވުމަށް އަމީނާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒް އިސްވެ ހުންނަވައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕެއިން ކުރެއްވުމަށް ފަހު، ރ. އަތޮޅުގެ ރަށްތަކުގައި ވަނީ ކެމްޕެއިން ފައްޓަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް