އަހުމަދު މަސްނޫމް   5 ޖުލައި 2023 - 17:30
އެތައް ބަޔަކަށް އޮޅުވާލައި، މަކަރު ހަދައިގެން ފައިސާތަކެއް އަތުލިކަމުގެ ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) މިއަދު ހައްޔަރުކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި މަންޑޭ ހައްޔަރުކުރަން އަމުރެއް ނެރެފައިވާއިރު، އޭނާ ހައްޔަރުކުރީ މިއަދުއެވެ.

މަންޑޭ ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކޯޓުން އަމުރެއް ނެރެފައި އޮއްވައެވެ. މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް ކޯޓުން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރާނެކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ ރާއްޖޭގެ އޭޖެންޓުކަމަށްވާ ހަސަން މަމްދޫހުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިންނާއި އަރބަންކޯއިންނެވެ.

މި މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން މީގެކުރިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް އެކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް