ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިިނިސްޓްރީން ބުނީ މިހާރު އޮންނަ ގޮތުން ރަށްރަށަށް ސެޓްފިކެޓްތައް ފޮނުވަން ވަަރަށް ދަތިކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ސެޓްފިކެޓްތައް ފޯރުކޮށްދިނުން އޮންނަނީ ދަތިކަމަކަށްވެފައިކަމަށެވެ.

އެޑިއުކޭޝަން މިިނިސްޓްރީން ބުނީ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، މިިނިސްްޓްރީއަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކަށް އެ ސެޓްފިކެޓް ފޮނުވޭނެކަމަށެވެ. އަދި ރައްކާތެރިކަމާއެކު ދަރިވަރުންނާއި ސެޓްފިކެޓްތައް ޙަވާލުކުރެވޭކަން ކަށަވަރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



ރާއްޖޭގައި ބާއްވާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އިމްތިޙާނު ސެންޓަރުތަކަށް ފޮނުވޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދާއި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާންއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ގޮތަށް ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް