ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން ދިޔަ ބާޖު އެރަށު ފަރަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހިނގި މިޙާދިސާގައި ބާޖު ފަރަށް އަރާފައިވަނީ ހޯގާޑުން މުދާ ވައްދާ ނެރެ ހެދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވާ އަރިއަޅާލައިންނެވެ.

ބާޖު ފުން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ބާޖުގައި ހުރީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން