ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ، ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްނުކުރާނަމަ އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިނުގަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑަސީ ހުށަހެޅިދާނެކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްނުކުރާނަމަ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައެއް ނުގަންނާނެކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި ހުކުމް ބާތިލްކޮށްފިނަމަ ޖެހިގެން އަންނަ ދުވަހުވެސް ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިގަންނަނާނެކަމަށެވެ.

ޔާމީންގެ ކެނޑިޑަސީ ބަލައިނުގަންނަނަމަ ކޯޓަށް ދާނެކަމަށް އިދިކޮޅުން ބުނާ ވާހަކަތާއި ގުޅިގެން ފުއާދު ވިދާޅުވީ ކެނޑިޑަސީ ބަލައިގަތަސް، އަދި ނުގަތަސް ކޯޓަށް ވަޑައިގެންނެވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

"އެ ނިންމުން (ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމާ ނިންމުން) ބަދަލުކުރަން ސުޕްރީމް ކޯޓުން އަންގަވައިފިނަމަ އަޅުގަނޑުމެންނަށް ޖެހޭނެ ބަލައިގަންނަން،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މީގެކުރިން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެއްގެ ހުކުމެއް އޮވެގެން އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދިނުމުން ކޯޓަށް ދިއުމުން އެ ބޭފުޅާއަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެއްވިކަމަށެެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެނޑިޑަސީއާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި އެންމެފަހުގެ ނިންމުން ނިންމާނީ ކޯޓުންކަމަށްވެސް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އެއީ ރިޔާސީ ކެނޑިޑޭޓެއް ނޫންކަމަށާއި، އެއީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ފަރާތަކަށް ކުރިމަތިވި މައްސަލައެއްކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފައިވާއިރު އެމަނިކުފާނު ގެންދަވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ވ.އާރަށުގެ މައްސަލައިގައި ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ވޮޑަމުލާގެ ހިޔާނާތާއި ގުޅިގެންވެސް ރައީސް ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމެއް އިއްވިއެވެ. އަދި ހައިކޯޓުން އެ ހުކުމަށް ތާއީދުވެސްކުރިއެވެ. ނަމަވެސް އަދުލްއިންސާފު ޤާއިމްކުރުމުގައި އެންމެފަހު ބަސް ބުނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ.

އާރަށާއި ވޮޑަމުލާގެ މައްސަލައިގެ އިތުރުން، ފުއްގިރި ނަމަކަށް ކިޔާ ރަށެއްގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ދަނީ ޝަރީއަތްތައް ހިންގަމުންނެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔަނަމަވެސް، ޕީޕީއެމްއިން ބުނަމުންދަނީ ރައީސް ޔާމީންގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ޤަބޫލުކުރާ ސިޔާސީ ބޭފުޅުން މިހާރުވެސް ގެންދަވަނީ ޕީޕީއެމްގެ ތާއީދު ލިބޭތޯ އެ ޕާޓީއާއެކު މަޝްވަރާކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕީޕީއެމްއާއެކު ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރައީސް ޔާމީނަށް ދަންނަވާފައެވެ. ނަމަވެސް ޕީޕީއެމްއިން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިނުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެކަމަށެެވެ. އަދި ސިޔާސީ މަޝްވަރާތައް ކުރާނީ ރައީސް ޔާމީންގެ ލަފާފުޅާއި މަޝްވަރާގެ މަތިންކަމަށްވެސް ޕީޕީއެމްގެ ލީޑަރޝިޕުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން