ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން އެ ރަށަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން އެދުނު އެއް ކަމަކީ ބިން ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތް މިހާރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ފެށޭނެ ތާރީހަކާއި ގުޅޭގޮތުން ރައްޔިތުން މިހާރު ސުވާލުކުރަމުންދާކަމަށެވެ.

"ތިބޭފުޅުން މިއަދު އެދިވަޑައިގަތީ އެ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް. އެ މަސައްކަތް ސެޕްޓެމްބަރުމަހުގެ ތެރޭގައި އަމަލީގޮތުން ފެށޭނެ." ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ގުޅީގެ ކުނިމެނޭޖް ކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވަނީ ޓެންޑަރ ޕްރޮސެސްގައިކަމަށެވެ. އަދި އަންނަމަހު އޭ.ޓީ.އެމެއް ބެހެއްޓުމުގެ މަސައްކަތްވެސް ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ގުޅީ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކޮށްދިނުމުގެ އިތުރުން ބަނދަރުގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން