ޕީޕީއެމަކީ ކަރަންޓީނު ކުރަންޖެހޭ ޕާޓީއެއްކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމާފައިވާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މިހެން ވިދާޅުވީ ރައީސް ސާލީހު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންެނެވެ.

މައުރޫފް ވިދާޅުވީ ރައީސް ސާލިހާއެކު ރިޔާސީ އިންތިހާބަށް ނިކުންނަން އެމްޑީއޭއިން ނިންމީ ޕީޕީއެމާއެކު ކޯލިޝަން ގަދައިގެން ކުރި ހިތި ތަޖުރިބާއަށް ބެލުމަށްފަހުކަމަށެވެ.

ޕީޕީއެމަށް ފާޑު ވިދާޅުވަމުން މައުރޫފް ވިދާޅުވީ މިފަހަރުގެ އިންތިހާބަށްވެސް ކޯލިޝަން ހެދުމަށް ޕީޕީއެމުން ދައުވަތު ދިން ކަމަށާއި، ނަމަވެސް ދުނިޔޭގެ ބޮޑު ބާރަކާއި ދެކޮޅަށް ކެމްޕޭން ކުރާ ބަޔަކާއެކު އެމްޑީއޭއިން ކޯލިޝަން ނުހަދާނެކަމަށެވެ. އަދި ޕީޕީއެމްގެ އަމަލުތައް ހުރި ގޮތުން އެ ޕާޓީއަކީ ކަރަންޓީނު ކުރަންޖެހޭ ޕާޓީއެއްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"އެއީ ކުރީ ޒަމާނުގައި ވެސް ތޯއޫނު ބަލި އުފެދިއްޖިއްޔާ އެބައި މީހުންނާއި އެއްވެސް މީހަކު ކައިރިއެއް ނުވާނެ. އެގޮތަށް މިއަދު ސިޔާސީ ގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާއި ކައިރިއެއް ނުވާނެއޭ،" މައުރޫފް ވިދާޅުވިއެވެ.



މައުރޫފުގެ ވާހަކަފުޅުގައި ވަނީ ރައީސް ސާލީހުގެ ސިޔާސަތުތަކަށް ތައުރީފްކޮށް، އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމުން މިހާތަނަށް އައިއިރު ރިޔާސީ ކެންޑިޑޭޓެއް ދެއްކިފައިނުވާކަންވެސް މައުރޫފް ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން