ވެރިކަމުގައި ތިބެގެން، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރާ މަންޒަރެއް މިހާރު ނުފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ގުޅީގައި އޮތް ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު މިހެން ވިދާޅުވެފައި މިވަނީ މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީއަށް ނިސްބަތްވާ މީހުން އޭރުގެ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ބޭއްވި މުޒާހަރާތަކަށް ނުސީދާކޮށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ގައުމަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދިނުމަށް ހަމަޖެހުމާއި އަމާންކަން ޤައުމަށް ބޭނުންވާނެކަމަށެވެ. އަދި މަގުތައް މައްޗަށް ނިކުމެ ހަލަބޮލިކުރުމުން ޤައުމުގެ ކުރިއެރުމަށް ހުރަސް އެޅޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާވެސް ކުރާނެކަމަށާއި، މަގުތަކަށް ނިކުމެ އަޑުވެސް އުފުލާނެކަމަށެވެ. ނަމަވެސް ވެރިކަމުގައި ތިބޭ ފަރާތްތަކުން އެކަން އެގޮތަށް ކޮށްގެންނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނިކުމެ މުޒާހަރާކުރީމަ އެކަމާއި ވިސްނަންޖެހޭ، އެ ސިޔާސަތާއި ދޭތެރޭ ވިސްނަންޖެހޭ. ގައުމުގެ އަމާންކަން ބަލަހައްޓަން ފުލުހުންނާއި ސިފައިން ތިބޭނެ. ސަރުކާރުގައި ތިބޭ ބަޔަކަށް ނުޖެހޭނެ އެކަން ކުރާކަށް،" ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ މިއަދު ވެރިކަމުގައި ތިބޭ ފަރާތްތަކުން މުޒާހަރާކުރާ މަންޒަރެއް ނުފެންނާނެކަމަށެވެ. އެކަން އެއީ މިއަދު މާޒިވެފައި އޮތްކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަޢީސް ސާލިހުގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ކަންކަން ހިނގި ގޮތުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންކަމުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ސިޔާސީ މީހުންނާއި ނޫސްވެރިންނާއި މިނިވަން މުއައްސަސާތައް އޭރު އޮތީ ބިރުވެރިކަމެއްގައި ކަމަށާއި، ނަމަވެސް މިއަދު ރާއްޖޭގައި އަމާންކަން ޤާއިމްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން