ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކޮށްފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުން އެ ކޮމިޝަނުން މިއަދު ބާތިލުކޮށްފިއެވެ.

މި ފަޅު ވިއްކާލުމަށް ވިލާ ކުންފުނިން މަސައްކަތް ފެށުމުން އަމިއްލަ ފަރާތަކުން ހުށަހެޅިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން އޭސީސީން އެކަން ހުއްޓުވީ މިދިޔަ މާޗުމަހުއެވެ.

ފަޅު ވިއްކުން ހުއްޓުވުމަށް އޭސީސީން މަސައްކަތްކުރުމުން ގާސިމް ވަނީ އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑޫވުން ފާޅުކުރަށްވާފައެވެ. އަދި މިއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރަށްވާތީ ވިޔަފާރިއަށް ދަތިކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ގާސިމް ގެންދެވީ ފާހަގަކުރައްވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ ފަޅު ވިއްކުން ހުއްޓުވުމަށް އޭސީސީން އެންގި އެންގުން ބާތިލުކުރުމަށް އެ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވީ މިއަދު އޮންލައިންކޮށެވެ. އެއީ ކޮމިޝަންގެ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވުމުންނެވެ.

އޭސީސީން މިގޮތަށް ނިންމީ އެއީ މި ވަގުތަށް އެ އެންގުން ދަމަހައްޓަން ޖެހޭ ހާލަތެއް އޮތްކަމަށް ނުފެންނާތީކަމަށް އޭސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވާވެއްދި ފަޅާއި ގުޅޭގޮތުން މީގެކުރިންވެސް ސުޕްރީމް ކޯޓާއި އޭސީސީން ވަނީ މައްސަލަތަކެއް ބަލާފައެވެ. ނަމަވެސް އެ މައްސަލަތައް މުޅިން ނިމިފައިވަނީ ވިލާ ކުންފުންޏާއި އެއްކޮޅަށެވެ. އެހެންކަމުން އަލުން މިމައްސަލަ އޭސީސީން ބަލަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޤާނޫނީ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން