މިދިއަ އަހަރާއި ހަމައަށް ދުނިޔޭގެ އާބާދީގެ ނިސްބަތަކީ 8 ބިލިއަންއެވެ. މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތަށް އައި ބޮޑު ބަދަލެކެވެ. އަދި މިއާއިއެކު އާބާދީ ބެހިފައިވާ ގޮތަށްވެސް ބަދަލުތަކެއް މިފަހަރު މިވަނީ ރިކޯޑު ކުރެވިފައެވެ. އެއީ އިންޑިއާއި ޗައިނާގެ އާބާދީގެ ނިސްބަތަށް އައި ބަދަލުތަކެވެ. މިގޮތުން އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިއަ އަހަރުގެ ތަފާސް ހިސާބަށް ބަލައި، އޭޕްރިލް 2023 ގައި ދުނިޔޭގެ އާބާދީ އެންމެ ގިނަވާނީ އިންޑިއާގައި ކަމަށް ޔޫއެންއިން އަންދާޒާކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންއިން ފާހަގަ ކުރާ ވޯލްޑް ޕޮޕިއުލޭޝަން ޑޭ ނުވަތަ އަބާދީގެ ދުވަސް ޖުލައި 11 ގައި ފާހަގަ ކުރިއިރު އެންމެ ބޮޑަށް ސަމާލުކަން ދީފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަމާލުވާންޖެހޭ އާބާދީއާއި ގުޅޭ އެކިއެކި މައްސަލަތަކަށާއި އިންސާނީ ތަރައްޤީއާއި އާބާދީ އިތުރުވުމުން ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކަށެވެ.

ޔޫއެންގެ ރިޕޯޓުުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ އާބާދީގެ ނިސްބައް އިތުރުވެފައިވީނަމަވެސް އިތުރުވަމުންދާ ހަލުވިމިން މިވަނީ ބޮޑުތަކުން މަޑުޖެހިފައެވެ. އަދި މިއަހަރުގެ ކުރީކޮޅުގައި ދެކުނު ކޮރެއާގެ ފާޓިލިޓީ ރޭޓް އަނެއްކާވެސް ކުރިއަށްވުރެ ދަށްވެފައިވާކަން ވަނީ ފާހަގަކުރެވިފައިއެވެ. އަދި ޗައިނާއާއި ޖަޕާނުގައިވެސް ވިހާ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށް މިފަހަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި 70 އަހަރުގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް އައިސްފައިވާ ބަދަލަށް ބަލާއިރު، 1955 ވަނަ އަހަރުގެ މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތްކަމަށްވާ 2.8 ބިލިއަން އަކީ މިއަދު ހަމައެކަނި އިންޑިއާއާއި ޗައިނާގައި ދިރިއުޅޭ މީހުންގެ އަދަދެވެ. އެހެންކަމުން ދުނިޔޭގެ އާބާދީ މިވަނީ 1955 ން 2023 އައިއިރު 3 ގުނަ އިތުރުވެފައެވެ.



ޔޫއެންއިން އަންދާޒާ ކޮށްފައިވާގޮތުގައި ދުނިޔޭގެ އާބާދީގެ ނިސްބަތް 2050 އަށް އަންނައިރު 9.7 ބިލިއަންއަށް އަރާނެއެވެ. އެގޮތުން 2050 ވަނަ އަހަރު، އެންމެ އާބާދީ ބޮޑު ޤައުމުތަކަށްވާނީ އިންޑިއާ، ޗައިނާ އަދި ނައިޖީރީއާ ކަމުގައި ޔޫއެންގެ އެތަފާސް ހިސާބުތަކުން ދައްކައެވެ. އެއަށްފަހު ދެން އެންމެ އާބާދީ ގިނަވާނީ އެމެރިކާ، ޕާކިސްތާން، އިންޑޮނޭޝިއާ، ބްރެޒިލް، ޑިމޮކްރަޓް ރިޕަބްލިކް އޮފް ކޮންގޯ، އިތިއޯޕިއާ އަދި ބަންގްލަދޭޝް، މިތަރުތީބުން މިޤައުމުތަކެވެ.

އާބާދީގެ ނިސްބަތް ބަލަނީ 4 ކަމަކަށް ބަލައިގެންނެވެ. އެއީ ކުދިން ވިހާ އަދަދާއި (ބާތު ރޭޓު) މަރުވާ އަދަދު (ޑެތު ރޭޓު)އާއި އިމިގްރޭޝަން ނުވަތަ އެހެންޤައުމުތަކުން އެޤައުމުގައި ދިރިއުޅުމަށް ހިޖަރަކުރާ މީހުންގެ އަދަދާއި އެމިގްރޭޝަން ނުވަތަ އެހެން ޤައުމުތަކުގައި ދިރިއުޅުމަށް އެޤައުމުން ބޭރަށް ހިޖުރަކުރާ މީހުންގެ އަދަދު ބަލައިގެންނެވެ. އާބާދީގެ ނިސްބަތް ހިސާބުކުރެވޭނީ އާބާދީއަށް އިރުތުވާ މީހުންގެ އަދަދުން މަދުވާ މީހުން ކަނޑައިގެންނެވެ.

މިފަހަރުގެ ޔޫއެންގެ ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި

2022 ވަނަ އަހަރުގައިވަނީ 134 މިލިއަން ކުދިން ވިހާފައެވެ. އެއީ ދުވާލަކަށް 367،000 ކުދިންނެވެ. ނަމަވެސް މިއީ 2021 ވަނަ އަހަރު ކުދިން ވިހޭ އަދަދަށްވުރެ ނިސްބަތުން މަދު އަދަދެކެވެ. މީހުން މަރުވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން 1990 ގައި މަރުވާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ހުރި 50 މިލިއަންއަށްވުރެ ދަށުގައެވެ. 2019 ގައި މީހުން މަރުވާ ނިސްބަތް ވަނީ 58 މިލިއަން އަށް އަރާފައެވެ. ނަމަވެސް ކޮވިޑް 19 އައުމުން މަރުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން 2020 ގައި 63 މިލިއަން މީހުން މަރުވެފައިވާ އިރު 2021 ގައި 69 މިލިއަން މީހުން މަރުވެފައިވާކަމަށް ރިކޯޑު ކުރެވިފައިވެއެވެ. 2022 ގައި މަރުގެ އަދަދު އެސްޓިމޭޓު ކުރެވިފައިވާ އަދަދަކީ 67 މިލިއަންއެވެ.

މިކަންކަމަށް ބަލައި ދުނިޔޭގެ އާބާދީ އިތުރުވެފައިވާ މިންވަރަކީ 0.8 އިންސައްތައެވެ.

މިހާރު ގިނަ ޤައުމުތަކުގައި ފާހަގަ ކުރެވޭ ބޮޑު މައްސަލައަކަށް ވެފައިވަނީ ކުދިން ވިހާ އަދަދު ނުވަތަ ބާތު ރޭޓު މަދުވުމެވެ. މިއީ ރާއްޖޭގެ ތަފާސް ހިސާބުންވެސް ފާހަގަ ކުރެވޭ މައްސަލައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން ވިހާ އަދަދު އިތުރު ކުރުމަށް އެކިއެކި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މިގޮތުން އަލަށް ވިހާ މީހުންނަށް މާލީ އެހީތެރިކަން ދިނުމާއި ސަރުކާރުގެ އެހީތައް ދިނުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް މިވަނީ ފަށައިފައެވެ. އެގޮތުން ދެކުނު ކޮރެއާގައި އަލަށް ދަރިން ލިބޭ މީހުންނަށް 10،500 އެމެރިކާ ޑޮލަރުގެ ކޭޝް ޕޭމަންޓެއް ދީ ދަރިން ހޯދުމަށް ޒުވާނުން ޝައުޤުވެރިކުރުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ގިނަ މީހުންތިބޭ ޗައިނާގައިވެސް ކުދިންގެ އަދަދު މަދުވުމުން 2 ވަނަ ނުވަތަ 3 ވަނަ ދަރިއަކު ހޯދުމަށް މީހުން ޝައުޤުވެރި ކުރުވުމަށް އެޤައުމުންވެސް ދަނީ ސަރުކާރުގެ އެހީތައް ދެމުންނެވެ.

ރާއްޖޭގައިވެސް މިފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ބާތު ރޭޓަކީ 1.7 ކެވެ. މާނައަކީ ކޮންމެ އަންހެނަކަށް ނިސްބަތުން ލިބެނީ 1.7 ކުދިންނެވެ. މިއީ އާބާދީ މިހާރު ހުރިވަރުގައިވެސް ހިފަހައްޓާލަން ސަސްޓެއިނަބަލް ލެވަލްއެއް ނޫނެވެ. މާނައަކީ ކޮންމެ ދެމަފިރިއަކަށް 1 ދަރި ހުރުމުން އެމީހުން މަރުވުމުން އާބާދީގެ އަދަދު ދެބައިވުމުގެ ބަދަލުގައި ވާނީ މަދެވެ. އަދި ދެން އަންނަ ޖީލުގައިވެސް މިހެން މިގޮތަށް ގެންދާނަމަ ދުވަހުން ދުވަހަކަށް އާބާދީގެ ނިސްބަތްވާނީ ދަށެވެ.

މިހާރު ދުނިޔޭގެ ހާލަތު މިހިސާބަށް ގޮސްފައިވާއިރު އާބާދީ މަދު ކުރުމަށް ގޮވާލި މީހުންގެ ރާގު ބަދަލުވެފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ. އެކިއެކި އިކޮނޮމިސްޓުންނާއި އެނަލިސްޓުން މިހާރު ބުނަމުން ދަނީ އާބާދީގައި ކުދިންގެ އަދަދު ދަށްވެއްޖެނަމަ ކުރިއަށް އޮތް ޖީލުގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާނެ މީހުން މަދުވެ މުސްކުޅި މީހުންނަށް ޚަރަދު ކުރުމަށް ފައިސާ ހޯދާނެ ޒުވާން މަސައްކަތްތެރިން މަދުވާނެ ކަމަށެވެ. އަދި މުޖުތަމައުގައި މިކަމުގެ ސަބަބުން ބެލެންސް ގެއްލި އެކިއެކި މައްސަލަތައް ޖެހޭނެ ކަމަށެވެ. އަދި މުސްކުޅި އާބާދީއަށް ޚަރަދު ކުރުމަށް ޓެކްސް ކުރުމަށް ތިބޭ ޒުވާން އާބާދީގެ ނިސްބަތް މަދުވުމުން ސަރުކާރަށް ލިބޭ އާމްދަނީ މަދުވެ ސަރުކާރަށްވެސް ގެއްލުން ވާނެ ކަމަށެވެ.

އެހެންކަމުން ހަތް އުޑުމަތިން ﷲ ބާވައިލެއްވި ފޮތުގައި އަންގަވާފައިވާ ހުކުމް ފުޅު މަތިން މުސްލިމުން ހަނދާން ކުރަންވާނެއެވެ. ކުދިންގެ ރިޒްޤުވަނީ ﷲ ލިޔުއްވާފައެވެ. ދަތިވެދާނެތީ ކުދިން ހޯދުން މަނާކުރި ޤައުމުތަކުގެ އިގްތިސާދީ ކުރިއެރުން މިހާރު އެދަނީ މަޑުމަޑުން ދަށަށެވެ. އެޤައުމުތަކުން ހުރިހާ ކަމަކަށްވުރެ ބޮޑަށް މިހާރު ސަމާލުކަން ދެމުންއެދަނީ އާބާދީ އިތުރު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން