އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި، ހަވާލުކުރާ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ފުރިހަމަކުރައްވާ ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހިދުއާއެކު ބޭއްވި ބައްދަލުވުމަކަށް ވަޑައިގެންނެވުމުގެ ކުރިން މާމިގިލި އެއަރޕޯޓްގައި ހުންނަވައިގެން ގާސިމް ވިދާޅުވީ ކޯވިޑްގެ ތެރޭގައި ދިމާވި ކަންކަމުން އަރައިގަތުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަލީ ވަހީދުކަމަށާއި އެކަން ރައީސް ސާލީހަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އަލީ ވަހީދާއި ދޭތެރޭ ކަންކަން ވެގެންދިޔައީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ބޮޑެތި ކަންކަމާއި ކުރިމަތިވުމުން މާޔޫސްނުވެ، ކުރިއަށް ވަޑައިގަންނަވަންޖެހޭނެ ކަމަށެވެ.

"ކުރިމަތިވާ ކަމެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދުކޮށްލާ، ޝައުގުވެރިކަން ދޫކޮށްލާ މާޔޫސްވުމަކީ އެއްގޮތަށްވެސް ކަންކުރަންޖެހޭ ގޮތެއް ނޫން. ހުރިހާކަމެއްގައިވެސް ދާންވާނީ ކުރިއަށް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިގައުމަށް ވިސްނުންތެރި ކަންކަން ކުރެވޭ މީހުން ބޭނުންވާކަމަށެވެ. އެގޮތުން އަލީ ވަހީދަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ވަރަށް ވިސްނުންތެރި، ކަންކަން ކުރެވޭ ބޭފުޅެއްކަމަށެވެ. އަދި އެއީ މާގިނަ މީހުން ކިބައިގައި ހުންނަ ސިފައެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމާއި އަލީ ވަހީދުގެ ބައްދަލުކުރެއްވުމެއް ބާއްވާފައިވާއިރު ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ތާއިދު ކުރައްވާ ބޭފުޅެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ އަދިވެސް ހުންނެވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައިކަމަށާއި، އަދި ގާސިމާއި އޭނާގެ ހިޔާލު މާބޮޑަށް ތަފާތު ނުވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން