ޝަރުޢީ ދާއިރާގެ ތެރެއިން އާއްމު ރައްޔިތުން ބޭނުންވާ ކަންކަން ނުވަތަ ހޯދަން އެދޭ ޚިދުމަތެއް އެންމެ ފަސޭހައިން ހައްލު ލިބޭނެ ގޮތްތައް ކިޔައިދޭންޖެހޭ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ "ކޯޓަށް ފަރިތަ" މި ނަމުގައި ޢާންމުން ހޭލުންތެރިކުރުމަށް ޖުޑީޝަރީން މިއަދު ފެށި ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި "ކޯޓަށް ފަރިތަ" ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރެވެ.

ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން ކުރައްވާ މަސައްކަތަކީ އަދުލު އިންސާފު ގާއިމް ކުރުންކަމަށާއި އެ މަސައްކަތް ފަނޑިޔާރުން ކުރިއަށްގެންދަވަނީ ހިދުމަތެއްގެ ގޮތުގައި، އިހުލާސްތެރިކަމާއެކުކަމަށެވެ. އަދި ޒަމާންތަކެއް ކުރިން ފެށިގެންވެސް އެކަން ކުރަމުންދިޔައީ އެގޮތަށްކަމަށާއި މިހާރުވެސް ފަނޑިޔާރުން ކުރައްވާ މަސައްކަތަކަށް ބަދަލެއް ނާންނަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މިހާރު ވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އަދުލު އިންސާފު ގާއިމް ކުރުން، އަޅުގަނޑުމެން މި ކުރާ މަސައްކަތް މި ކުރަނީ ހިދުމަތެއްގެ ގޮތުގައި، ވަރަށް އިހުލާސްތެރިކަމާއެކު،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.



އުއްތަނަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގައި މަސައްކަތް ހިންގާ ގޮތާއި ޝަރުޢީ ކޯޓުތަކުގެ މަރުހަލާތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް އަންގައިދޭންޖެހޭކަމަށެވެ. އަދި ކޯޓުތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެންމެ ފަސޭހައިން އެ ބޭނުންވާ ހިދުމަތެއް ލިބޭނެ މަގު ދައްކައިދިނުމަކީ ރައްޔިތުންނަށް ވެދެވޭ ވަރަށް ބޮޑު އެހީއެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ،

އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ކޯޓަށް ފަރިތަ" ނަމުގައި ޢާންމުން ހޭލުންތެރިކުރުމަށް ހިންގާ ކެމްޕޭނަކީ ޖުޑީޝަރީން ކުރިއަށްގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

"ކޯޓަށް ފަރިތަ" ކެމްޕެއިނަކީ ޔޫއެސް އެއިޑްއާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން