ވިޔަފާރިތަކާއި ކުންފުނިތަކާއި، އަދި އެ ނޫންވެސް ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެެވެ.



ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ އެނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއަރ ކުރަމުންދާކަމަށެވެ. އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އެ ޚިދުމަތަށް ހުށަހެޅެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.



މިކަންކަމުގެ އިތުރުން، އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭކަމަށްވެސް ފުލުުހުން ބުނެއެވެ. އަދި ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕް ފޮނުވުމަށްފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މިނޫނަސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް ފުލުުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން