އާރުޓީއެލް އެޕް ބޭނުންކުރާ ފަރާތުގެ ބެންކު ކާޑުގެ އެއްވެސް މައުލޫމާތެއް ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނީ އާރުޓީއެލްގެ އެޕްގެ ޑިޖިޓަލް ސިސްޓަމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ބައެއް ފަރާތްތަކުން ދައްކާކަމަށް ބުނެ ނެރުނު ބަޔާނުގަައެވެ.

އެމްޓީސީސީގެ ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައ،ި ފަށާފައިވާ އާރްޓީއެލް ޚިދުމަތް ފެށުނީއްސުރެ އެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ލިބެމުންދާ ހިޔާލުތަކާއި މަޢުލޫމާތުތަކަށް ކުންފުނިން އަބަދުވެސް އަންނަނީ ރިޢާޔަތްކުރަމުންކަމަށެވެ.

މިގޮތުން އާރުޓީއެލް އެޕްގައި ސެކިޔުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯރޓް ޖުލައިމަހުގެ ކުރީކޮޅު އެ ކުންފުންޏަށް ލިބުނުކަމަށާއި އެ ކުންފުނިން އެ މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މައްސަލަ ވަގުތުން ހައްލުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދ،ި ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ކުންފުނިން އަންނަނީ ކުރަމުންކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަޤީންކަންދީފައެވެ.

"މި ކުންފުނިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަސްޓަމަރުންގެ ބޭންކިންގ މަޢުލޫމާތު ސެކުޔަރ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައެއް ނުބަހައްޓަމެވެ. މިގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިންގ ބޭންކުގެ ސެކިޔުރިޓީ ސްޓެންޑަރޑްތަކާއި އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ. އަދ،ި އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީވެސް ބައިނަލްއަޤްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސަރޓިފައި ކޮށްފައިވާ ވަސީލަތްތަކެއްކަމުގައިވެސް ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

އެމްޓީސީސީން ބުނީ ފައިސާ ބަލައިގަތުމަށްވެސް އެ ކުންފުނިން ބޭނުންކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭކަމުން ކަސްޓަމަރުންގެ ހުރިހާ ބޭންކިން މަޢުލޫމާތެއް ހިއްސާކުރާނީ ސެކުޔަރ ޕްލެޓްފޯމަކުންކަމަށެވެ.

އެހެންކަމުން އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިންގ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

އެމްޓީސީސީން ވަނީ ހަޤީގަތް އޮޅޭ ފަދަ ގޮތްގޮތަށް ފަތުރާ މިފަދަ މަޢުލޫމާތުތަކާއި މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން