ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމު ރަށްރަށަށް ވަޑައިގަންނަވާއިރު، އިދިކޮޅު ފަރާތްތަކުން މުޒާހާރާ ކުރަމުންދާތީ ހޯމް މިނިސްޓަރު އިމްރާން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މ. ދިއްގަރުގައި ރޭ ބޭއްވި ރައީސް ސާލިޙުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމު މުޒާހަރާއަށް ނުކުމެއްޖެ ނަމަ ޑިމޮކްރެޓްސްއާއި ޕީޕީއެމަށް ހިފަހައްޓައި ނުލެވޭނެ ކަމަށެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން، ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އިއްޔެ ހަވީރު ދިއްގަރުގައި ކުރި މުޒާހަރާއަކީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަށް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެެ. އަދި އެކަން އެގޮތަށް ކުރަން ދެން ޖާގަ ނުދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަނީ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ބުނެދީ، އެކަން އަމަލީ ގޮތުން ސާބިތުކޮށްދީގެން ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގަން މިހާރު ރާއްޖެ އޮތީ ތަސައްރަފު ފުދި، ޑިމޮކްރަސީއަށް ފައްކާވެފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިދިކޮޅުގައި ތިބި ވާދަވެރިން މިހާރު ދައްކަނީ ރާއްޖޭގެ މިއަދުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު މަންޒަރެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ކޮށްދޭނެ އެއްވެސް ކަމެއް އިދިކޮޅަށް ބުނެނުދެވޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް ވިޔަ ނުދޭނަން،" އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން