މިދިޔަ ފަސް އަހަރު ފެނިގެންދިޔައީ ތަރައްގީގެ މަސައްކަތްތައް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެެއް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރޭ ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ރައްޔިތުންގެ އުންމީދުތަކުގައި ރައީސް ޞާލިޙް ކުލަޖައްސަވައި ދެއްވައިފި ކަމަށެވެ. އަދި އެކަމަނާ މިހާރު ހުންނެވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަޅީގައި ކަމަށް ހިސާން ވިދާޅުވިއެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ހިސާން ވިދާޅުވީ ރައީސް ސާލިޙު ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިނަމަ އެކަމެއް ކޮށްދެެއްވާނެ ކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ އަމަލާއި ބަސްފުޅުން މިދިޔަ ފަސް އަހަރު ސާބިތު ކޮށްދެއްވާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ވެރިކަން ކުރާ ރަށައް ހާއްސަ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ބަހާލުމުގެ ބިންގާ ރައީސް އަޅުއްވައިދެއްވާފައިވާ ކަމަށާއި އެމަސައްކަތްތަކުގެ އަމަލީ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. ރަށުގެ އާބާދީ ކުޑަވުމަކީ އެރަށަށް ލިބެންޖެހޭ ހިދުމަތްތަކުން ބާކީ ނުކުރަށްވާނެ ކަން ރައީސް އަމަލުން ސާބިތު ކޮށްދެއްވާފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

"އިދިކޮޅުންނާއި އެތެރޭގައި ތިބެ އިދިކޮޅުގެ ދައުރު އަދާކުރަމުން ގެންދިޔަ ހުރިހާ އެންމެންގެ ވިސްނުމާއި ބަހާއި ދެކޮޅު ހެދުންތަކާއިއެކު ވެސް ރާއްޖޭގެ ކުދި އާބާދީ ތަކަށް ތަރައްގީގެ އަސަރު ފޯރުކޮށްދެވިއްޖެ، ކުޑަރަށެއްގައި ބަނދަރު ހެދުމާއި ކުޑަ ރަށެއްގައި ތާރުއެޅުމަކީ ބޭކާރު ކަމެއް ކަމަށް ބުނާ ވިސްނުން ބޮލާލައި ޖައްސަވައިފި، އެ "އެލީޓް" ވިސްނުމަށް ޖާގަ ނުދެއްވާނެކަން ރައީސް ސާބިތު ކޮށްދެއްވައިފި،" މި ސަރުކާރުގެ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ސިޔާސަތަށް ތައުރީފް ކުރަށްވަމުން ހިސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން