އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އަވަސް ލަސްމިނާއި މެދު ގޮތެއް ނިންމާނީ ޖުޑިޝަރީން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މ. އަތޮޅާއި ވ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.

އެގޮތުން ރައީސް ޔާމިންގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި ލަސްވެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭނެ ކަމަށް އިދިކޮަޅު ފަރާތްތަކުން ބުނަމުންދާތީ އެކަމާއި ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބޭ ކަަމެއް މުވައްސަސާއަކުން ކުރާނަމަ އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރަށްވާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ޝަރީއަތްތަކުގެ ތެރެއަށް އެމަނިކުފާނު ބާރު ފޯރުވުން ނޫން ކަަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯޓްތަކުގައި އަބަދުވެސް ޝަރީއަތްތައް ކުރިއަށްދާނެ ކަމަށާއި މީގެ ކުރިން ވެސް ރައީސް ޔާމިންގެ ޝަރީއަތެއް ދަށު ކޯޓުތަކުން ފެށިގެން އެންމެ މަތީ މަރުހަލާގެ ކޯޓުން ނިމިގެން ހިގައްޖެ ކަމަށެވެ. އެހެން ނަމަވެސް އޭރު ވެސް ސަރުކާރުން އެމައްސަލަ އާއި ދޭތެރޭ ވަކި އެއްޗެއް ނުބުނާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމިންގެ ޝަރީއަތެއް ދަށު ކޯޓުން ފަށައިގެން އެންމެ މަތީ މަރުހަލާގެ ކޯޓުގައި ނިމިގެން ހިގައްޖެ، އަޅުގަނޑުމެން އެއާ މެދު އެއްވެސް އެއްޗެއް ނުބުނަން، ނިމުނީމަ އަޅުގަނޑުމެން މި ތިބީ އެކަން ގަބޫލުކޮށް މިއަދު ވެސް އަޅުގަނޑުމެން މި ތިބީ އެގޮތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުޑިޝަރީ ހިންގުމަށް ދިމާވާ ދަތިތައް ހައްލުކުރުމަަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަށްވާނެ ކަމަށާއި، އެހެން ނަަމަވެސް ޝަރީއަތް ހިނގާގޮތާއި އަވަަސް ލަސް މިނާއި މެދު ސަރުކާރަށް ގޮތް ނުކިޔޭނެ ކަމަށެވެ. އެކަންކަން ނިންމާނީ ޖުޑިޝަރީން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ޖުޑިޝަރީ މިިނިވަންކަމާއެކު ކުރިއަށް އެބަދޭ، މަސައްކަތް ކުރެވޭ، އަޅުގަނޑުމެން މިތިބީ ޖުޑިޝަރީއަށް ހިންގުމުގައި ދިމާވާ ދަތިތައް، މުވައްޒަފުން ނުވަތަ ބަޖެޓްގެ ދަތިކަމެއް އޮވެއްޖެއްޔާ އެކަން ކޮށްދޭނަން އަޅުގަނޑުމެން، ދެން ވެސް ބަލާނަން އެކަހަލަ ކަމެއް އޮތްތޯ، ބަޖެޓުން ކުރެވެން އޮތް ކަމެއް ކޮށްދޭނަން، އެހެން ނަމަވެސް ޝަރީއަތް ކުރިއަށްދާގޮތާއި އަވަސް ލަސްމިނާއި ދޭތެރޭގައި ގޮތް ނިންމާނީ ޖުޑިޝަރީން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން