މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއާއެކު މަޝްވަރާކުރީ ގުޅިގެން ސިޔާސީ މަސައްކަތްކުރުމާއި ގުޅޭގޮތުންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެމްއެންޕީގެ ރައީސް ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހުއެވެ.

މިބައްދަލުކުރެއްވުމަށް މުހައްމަދު ނާޒިމް ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ޕާރޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުމަކީ ސިޔާސީ މަސައްކަތްތަކާއި އަދި ކުރިއަށްެއޮތް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ ތެރެއިން މަސަކަތް ކުރުމުގައި ދެ ޕާރޓީ ގުޅިގެން ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި މީގެ ސިލްސިލާ ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދަވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ދެކެވުނު ވާހަކަތަކަކީ ވަރަށް ކާމިޔާބު އުއްމީދުތަކެއް ލިބިގެންދިޔަ ވާހަކަތަކެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމްއާއި ދަ ޑިމޮކްރެޓްސްއާއެކުވެސް ގާސިމް ވަނީ މީގެކުރިން މަޝްވަރާތަކެއް ބާއްވަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން