އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށް އަމާޒު ކަނޑައަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ފެށިގެންދާ ހިޖުރާ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވެވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވަނީ ރާއްޖޭގެ ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ހިޖްރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވާފައެވެ.

"ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ މަތިވެރި ނަސީބު މިންވަރުކުރެއްވި ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަމުން، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން" ރައީސްގެ ހިތާބުގައިވެެއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަޞައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ޞުލްޙަވެރިކަމަށް އިންސާނީ ޠަބީޢަތު މުހުތާދުވެފައިވާ މިންވަރުކަމަށެވެ. އަދި ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށްކަމަށެވެ. އަދި އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދޭންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން