ވޯޓު ފޮށި ބަހައްޓަން އެދިފައި ނެތް 23 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައެވެ. އޭގެތެރެެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ދިވެހިންނަށް، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައި ނުވާ ރިސޯޓްތަކުގައި ފޮށި ބެހެއްޓުމަށް އިތުރު ފުރުސަތެއް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުުން ކަނޑައަޅާފައިވާ ސީލިންގ އާ އެއްގޮތަށް، ވޯޓުލުމުގެ ޙައްޤުލިބިގެންވާ 30 ފަރާތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު 2023 ޖުލައި 17 އިން ފެށިގެން، ޖުލައި 31ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، ވޯޓުފޮށްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައިނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭން ކޮމިޝަނުން ނިންމާފައިވާކަމަށް ނައިބު ރައީސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މި ނިންމުމާއި ގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމާއި މިހާރު ހިއްސާކޮށްފައިވާކަމަށެވެ.



ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު މާލޭ ސިޓީ ރައްޔިތުންނަށް 61 ވޯޓު ފޮށި، މާލޭސިޓީގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ފޮށި، ހުޅުމާލެ ފޭސް 1ގައި މާލޭ ސިޓީ ރައްޔިތުންނަށް 6 ފޮށި، ހުޅުމާލެ ފޭސް 1ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ހުޅުމާލެ ފޭސް 2ގައި މާލޭ ސިޓީ ރައްޔިތުންނަށް 1 ފޮށި، ހުޅުމާލެ ފޭސް 2ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ވިލިމާލޭގައި މާލޭސިޓީގެ ރައްޔިތުންނަށް 6 ފޮށި، ވިލިމާލޭގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި ބަހައްޓާނެއެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައދުތަކަށް ބަލާއިރު އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ފޮށި، ތިލަފުށީގައި 1 ފޮށި، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދިއްލާގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯގައި 4 ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި، ތައިލެންޑް ބެންކޮކްގައި 1 ފޮށި އަދި އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮއްޓާއި ޖަޕާން ޓޯކިޔޯ ގައި 1 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން